ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19އަށް މިހާތަނަށް ރާއްޖެއިން އެއްވެސް މީހަކު ޕޮޒިޓިވް ވެފައި ނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ވިދާޅުވީ، މިއަދުގެ އިރުއޮއްސި 6:15 އާއި ހަމައަށް ރާއްޖެއިން، ކޮވިޑް-19އަށް ޝައްކުކުރެވޭ މީހަކުވެސް އަދި އެބައްޔަށް ޕޮޒިޓިވް މީހަކުވެސް ފެނިފައި ނުވާކަމަށެވެ.
އަދި ކޮވިޑް-19އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށާއި، އެހެންކަމުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭފަދަ ސައްޙަނޫން މައުލޫމާތު ނުފެތުރުމަށް އެޗްޕީއޭން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެސް ޚާއްސަ ފިޔަވަޅުތައް އަޅަމުން ގެންދާއިރު، މީގެ ކުރިން 7 މީހަކު ޓެސްޓްވެސް ކުރިއެވެ. އަދި އިންޑިއާއަށް ފޮނުވައިގެން ހެދި އެ އެންމެންގެ ޓެސްޓްތައްވެސް ނެގެޓިވްވެފައި ވާއިރު މިހާރު ރާއްޖޭގައި ވަނީ، ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައެވެ.
"ކޮވިޑް-19" ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ރާއްޖެއިން އިތުރަށް ވަރުގަދަ ކޮށްފައިވާކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.
އަދި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ސަރުކާރުން މިހާރު މިވަނީ، ކްރޫޒްލައިނަރތައް މެދުވެރިކޮށް ރާއްޖެ އެތެރެވުމާއި، އީރާނާއި ދެކުނު ކޮރެއާގެ ބައެއް ސަރަޙައްދަކުން ފުރައިގެން އަންނަ އެއްވެސް ދަތުރުވެރިއަކު ރާއްޖެ އެތެރެވުން ވަގުތީ ގޮތުން މަނާކުރައްވާފައެވެ.
މީގެ އިތުރުން ވައިރަސް ފުރަތަމަ ފެތުރެން ފެށި ޗައިނާގެ އެއްވެސް ސަރަހައްދަކުން ރާއްޖެއަށް މީހުން އައުން މަނާކުރައްވާފައިވެއެވެ.
ދުނިޔޭގެ 50 ޤައުމަކަށް ފެތުރިފައިވާ ކޯވިޑް-19ގެ ނުރައްކާ ދުނިޔޭގައި އޮތީ ވަރަށް ނުރައްކާތެރި ދަރަޖައަކަށްކަމަށާއި އެހެންކަމުން ބަލި ފެތުރޭނެކަމަށް އަންދާޒާކޮށްފައި އޮތް މިންވަރު އިތުރުކޮށްފައިވާކަމަށް ޑަބުލިޔުއެޗްއޯއިން ވަނީ ބުނެފައެވެ.
ޗައިނާއިން ބޭރުގައި މިހާރު 4،350ހަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާކަމަށާއި ފާއިތުވި ހަފުތާގައި އިޓަލީވިލާތާއި އީރާނުގައި ވައިރަސް ފެތުރެމުންދާ މިންވަރު އިތުރުވެފައިވާކަމަށް ގެބްރިޔޭސުސްވަނީ ފާހަގަކުރައްވާފައެވެ. ޗައިނާ ފިޔަވާ ވައިރެސް ފެތުރުނު ޤައުމުތަކުން މިހާތަނަށް 67 މީހުންވަނީ މަރުވެފައެވެ. ވައިރަސް މުޅިން އަލަށް ފެނުނު ޤައުމުތަކުގެ ތެރޭގައި ޑެންމާރކާއި އެސްޓޯނިޔާއާއި ލިތުއޭނިޔާއާއި ނެދަލެންޑްސްއާއި ނައިޖީރިޔާ ހިމެނެއެވެ.