ޚަބަރު

މައިގަނޑު 5 ސިޔާސަތަކާއެކު އިދިކޮޅު ޕީޕީއެމުން ކައުންސިލްގެ އިންތިޚާބުގެ ކެމްޕެއިން އިފްތިތާޙްކޮށްފި


މައިގަނޑު ފަސް ސިޔާސަތަކާއެކު އިދިކޮޅު ޕީޕީއެމުން ކައުންސިލްގެ އިންތިޚާބުގެ ކެމްޕެއިން އިފްތިތާޙްކޮށްފިއެވެ.

އެޕާޓީގެ ސްޓިއަރިންގ ކޮމެޓީން ބުނީ "މީއީ މަގޭ ރާއްޖެ" މިނަމުގައި ޕީޕީއެމްއާއި ޕީއެންސީ ހިމެނޭ ކޯލިޝަނުން ކަނިވާ ސަރަހައްދުގައި މިރޭ ބޭއްވި އެއްވުމަކީ ކައުންސިލް އިންތިޚާބަށް ޕީޕީއެމްއިން ވާދަކުރާ ކެނޑިޑޭޓުންގެ ސިޔާސަތުތަކާއި މުޅި ޕާޓީގެ ސިޔާސަރު ހާމަކުރުމަށް ބޭއްވި އެއްވުމެއްކަމަށެވެ. ޕީޕީއެމްއިން ކައުންސިލް އިންތިޚާބުގައި ވާދަކުރަނީ ޕީޕީއެމްގެ ރައިސް އަދި ކުރީގެ ރައީސް ޔާމީންގެ ފިކުރާއި ތަސައްވުރާއެއްގޮތަށް ސިޓީތަކާއި ރަށްތައް ތަރައްޤީކުރުމަށްކަމަށް އެފަރާތުން ބުނެއެވެ.

ޕީޕީޢެމްގެ ކެމްޕެއިންގެ ފަސް ސިޔާސަތުގެ ތެރޭގައި ހިމެނެނީ އިސްލާމް ދީން ހިމާޔަތްކުރުން، މިނިވަން ޤައުމު، ފުދުންތެރި ރައްޔިތުން، އަމާން ދިރިއުޅުން، އަދި ތަހުޒީބު ކައުންސިލް މިއެވެ.

މިއެއްވުމުގައި ޕީޕީއެމްގެ ފަރާތުން ކައުންސިލް އިންތިޚާބުގައި ސީޓީތަކުގެ މޭޔަރުންނަށް ވާދަކުރައްވާ ބޭފުޅުވަނީ އެފަރާތްތަކުން އެސިތީތަކުގެ ކުރިއެރުމާއި ތަރައްޤީއަށް ގެންގުޅުއްވާ ވިސްނުންތައް ހާމަކޮށްފައެވެ. އެގޮތުން އެފަރާތްތަކުންވަނީ ކައުންސިލްތަކަށް ހޮވިއްޖެނަމަ ރަށްރަށުގެ އިޤްތިސާދުކޮޅަށްޖަހަން މަސައްކަތްކުރާނެކަން ހާމަކޮށް، ރައްޔިތުން ފުދުންތެރިބަޔަކަށް ހައްދަވާނެކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމްގެ ކެނޑިޑޭޓުންވަނީ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ކުރާ އެއްވެސްކަމަކަށް އެޕާޓީގެ ކައުންސިލަކުން ހުރަސް ނާޅާނެކަމަށާއި، ރައްޔިތުންގެ ކުރިއެރުމާއި، ރަށްރަށަށް ތަރައްޤީ ޤެނައުމަށް ސަރުކާރަށް ޕްރެޝަރުކުރާނެކަން ހާމަކޮށްފައެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އަދުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ސަރުކާރަށް އެކަށިގެންވާގޮތެއްގައި ރާއްޖެއަށް ތަރައްޤީ ނުގެނެވޭކަމަށް ތުހުމަތުކުރައްވާފައެވެ.

ޕީޕީއެމްގެ ކައުންސިލަރުން ވެގެންދާނީ ރައްޔިތުންގެ ހެވާލާބައަށްޓަކައި ސަރުކާރާއި ގުޅިގެންވެސް މަސައްކަތްކުރުމުގެ ޤާބިިލުކަން ހުރިބަޔަކަށްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކާނިވާ ސަރަހައްދުގައި ބޭއްވި ޕީޕީއެމް ކެމްޕެއިން ޖަލްސާގައި އެޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ.