ޚަބަރު

ދެކުނު ކޮރެއާގެ 6 ސަރަހައްދަކުން ރާއްޖެއަށް މީހުން އައުން މެދުކަނޑާލަން ސަރުކާރުން ނިންމައިފި


ދިވެހިން ފިޔަވައި ދެކުނު ކޮރެއާގެ ހަ ސަރަހައްދަކުން ވައިގެމަގުން ސީދާ ދަތުރުކުރާ މީހުން ރާއްޖެއަށް އައުން މެދުކަނޑާލަން ސަރުކާރުން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވީ މާޗް މަހުގެ ތިނަކުން ފެށިގެން ދިވެހިން ފިޔަވައި، ދެކުނު ކޮރެއާގެ ޑައެގޫ، ގެޔޮންބަކް, ބުސާން، ސޯލް، ގެޔޮންގީ، އަދި ގެންޔޮންގުން ވައިގެމަގުން ސީދާ ދަތުރުކުރާ ފަސިންޖަރުންނާއި ކްރޫ އާއި ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ދެކުނު ކޮރެއާގެ މިއިން ސަރަޙައްދަކުން ޓްރާންސިޓްކޮށް ނުވަތަ އެތަނަށް ޒިޔާރަތްކޮށްފައިވާ މީހުން ރާއްޖެއަށް އައުން މެދުކަނޑާލަން ނިންމާފައިވާކަމަށެވެ.

އަދި 26 ފެބްރުއަރީން ފެށިގެން ދިވެހިން ފިޔަވައި އީރާނުން ވައިގެ މަގުން ސީދާ ދަތުރުކުރާ ފަސިންޖަރުންނާއި ކްރޫއާއި ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި އީރާންގައި ޓްރާންސިޓްކޮށް ނުވަތަ ޒިޔާރަތްކޮށްފައިވާ މީހުން ރާއްޖެއަށް އައުންވެސް މެދުކަނޑާލަން ސަރުކާރުން ވަނީ ނިންމާފައެވެ. މި ފިޔަވަޅުތަކާގުޅިގެން އީރާނާއި ދެކުނު ކޮރެއާގެ ސަރަޙައްދުތަކުން ރާއްޖެއަށް އަންނަ ދިވެހިން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރަން ވެސް ވަނީ ނިންމާފައެވެ.

ސަރުކާރުން ވަނީ 26 ފެބްރުއަރީން ފެށިގެން ކްރޫޒްލައިނަރސް ރާއްޖެއަށް އައުންވެސް މެދުކަނޑާލާފައެވެ.

މިދުވަސްވަރު ކޯވިޑް-19 ފެތުރޭ ޤައުމުތަކަށާއި އަލަށް މިބަލި ފެންނަ ޤައުމުތަކަށް ކޮންމެހެން ދާންޖެހިގެން މެނުވީ ދަތުރު ނުކުރުމަށާއި، ވަކިން ޚާއްޞަކޮށް އުމުރުން ދުވަސްވީ ފަރާތްތަކާއި ދިގުމުއްދަތަށް ބޭސްފަރުވާ ކުރާފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދަތުރުކުރާނަމަ ދަތުރު ކުރައްވާ ޤައުމެއްގައި ބަލި ފެތުރޭ މިންވަރާއި ސަރަހައްދުތައް ދެނެގަތުމާއި، އެ ޤައުމެއްގެ ސަރުކާރުން، ރައްކާތެރިވުމަށް އެޅުމަށް އަންގަވާފައިވާ ފިޔަވަޅުތައް ދެނެގަނެ، އެތަންތަނުން ދީފައިވާ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް ސަމާލުކަން ދިނުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

އަދި ދަތުރު ކުރައްވާ ޤައުމުތަކުގެ ހޮސްޕިޓަލްތަކަށް ދިއުން މަދުކުރުމާއި، މިބަލި އުޅޭ ޤައުމަކަށް ދަތުރު ކުރުމަށްފަހު، ހުން އައިސް ކެއްސާ ނަމަ ފޭސް މާސްކް ބޭނުންކުރުމަށްވެސް އެފަރާތުންވަނީ އިލްތިމާސްކޮށްފައެވެ،

ރޭ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ ކޯވިޑް-19 ރާއްޖެ އިން ފެނިޖެނަމަ އެފަދަ ހާލަތަކާއި ގުޅިގެން ފިޔަވަޅު އަޅާއިރު ބަލާނެ ހަތަރު ހާލަތާއި، އެ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތާއި، އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލް ހިއްސާކޮށްފައެވެ.