ޚަބަރު

ޗައިނާގައި ވަލުޖަނަވާރުގެ ވިޔަފާރިކުރުމާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި


ޤަވާޢިދާ ޚިލާފަށް ވަލުޖަނަވާރުގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ޗައިނާގެ އިދާރާތަކުން ފިޔަވަޅު އަޅަންފަށައިފިއެވެ. ވަލުޖަނަވާރުގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފެށީ އެޤައުމުގައި ކޮރޯނާވައިރަސް، ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެގޮތުންނެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީގެ ދަށުން ހިންގާ ފުޑް އެންޑް ޑްރަގް ކްރައިމް އިސްވެސްޓިގޭޝަން ބިޔުރޯގެ ޑެޕިއުޓީ ޑައިރެކްޓަރ ލިޔު ޒުއޭޖުން ވިދާޅުވެފައިވަނީ ޤަވާޢިދާ ޚިލާފަށް ވަލުޖަނަވާރުގެ ވިޔަފާރިކުރާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ. ލިޔު ވިދާޅުވީ ޗައިނާގެ ސްޕްރީމް ކޯޓާއި މިނިސްޓްރީ އޮފް ޖަސްޓިސް އަދި ކަމާބެހޭ އިދާރާތައް ގުޅިގެން މިހާރު ހުރި ޤާނޫނުތަކުގެ ދަށުން ޤަވާޢިދުތައް އެކުލަވާލަމުންދާކަމަށެވެ އަދި އަމާޒަކީ ޤަވާޢިދާ ޚިލާފަށް ވަލުޖަނަވާރު ގަނެވިއްކާ މީހުންނާ ދެކޮޅަށް ޚާއްޞަ ޙަރަކާތްތަކެއް ހިންގުންކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ޗައިނާގައި އޮންލައިންކޮށް ތަކެތިގަނެ ވިއްކުމާބެހޭ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ލިއާން އައިފޫ ވިދާޅުވެފައިވަނީ ޤަވާޢިދާ ޚިލާފަށް ދިރޭތަކެތި ގަނެވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ އިތުރުން ޞިއްޙަތަށް ފައިދާހުރި ތަހުޒީބުގޮތެއްގައި ކެއުންބުއިމުގެ ކަންތައް ބެހެއްޓުމަށް އިރުޝާދުތައް ދެމުންދާކަމަށެވެ. ޤާނޫނާ ޤަވާޢިދުތައް ތަންފީޒުކުރުމުގެ ގޮތުން 4.6 މިލިޔަން ވިޔަފާރި މަރުކަޒު ބަލާފާސްކޮށްފައިވާކަމަށްވެސް ލިއާން ވިދާޅުވިއެވެ.

މީގެ އިތުރުން 1.4 މިލިޔަން ވެބްސައިޓް ބެލުމަށްފަހު ސަތޭކަ ސާޅީސްހާސް ވެބްސައިޓެއްގައި ހުރި މިންގަނޑަށް ނުފެތޭ މަޢުލޫމާތު ފޮހެލާފައިވާކަމަށާއި އެގާރަހާސް ވިޔަފާރިއެއް ބަންދުކުރުމަށްފަހު ޤަވައިދާ އެއްގޮތަށް އިސްލާޙުކުރުމަށް އަންގާފައިވާކަމަށްވެސް ލިއާންވަނީ ވިދާޅުވެފައެވެ.