ކުރިއަށްއޮތް ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ ހަތަރު ސިޓީއަށް ވާދަކުރާ މޭޔަރުންނަށް ޚާއްސަކޮށްގެން "މޭޔަރުންގެ ބަހުސް" ގެ ނަމުގައި ބަހުސެއް ބޭއްވުމަށް ދިވެހިރާއްޖޭގެ އަޑުން ނިންމައިފިއެވެ.
"މޭޔަރުންގެ ބަހުސް" އަކީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީތަކުގެ މޭޔަރުކަމަށް ވާދަކުރާ ކެނޑިޑޭޓުން ތަޢާރަފްކޮށް، ސިޓީގެ ތަރައްޤީއާއި ކުރިއެރުމަށް ކެނޑިޑޭޓުންގެ ވިސްނުުން ހުރިގޮތް އެސިޓީއެއްގެ ރައްޔިތުންނާއި ޙިއްސާކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ބާއްވާ ބަހުސެކެވެ.
މޭޔަރުންގެ ބަހުސާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ އަޑުގެ މެނޭޖަރ ރޭޑިއޯ ޕްރޮޑަކްޝަން ނަސްރުﷲ އިދުރީސް ވިދާޅުވީ ބަހުސް ކުރިއަށް ގެންދާނީ އެސިޓީއެއްގެ ރައްޔިތުންނަށް ބަހުސް އަޑުއަަހާލަން ވަދެވޭގޮތަށް ހުޅުވާލައިގެން އެސިޓީއެއްގައި ކަމަށާއި، ބުރުތަކަކަށް ބަހާލައިގެން ކޮންމެ ބަހުސެއްވެސް ގެނެސްދޭނީ ވަގުތުންކަމަށެވެ.
އިންތިޚާބުގައި މޭޔަރުކަމަށް ވާދަކުރާ ކެނޑިޓޭޓުން މިބަހުސްގައި ބައިވެރިވާނެކަން ހާމަކުރައްވާފައިވާ ކަމަށާއި އެހެންކަމުން މަސައްކަތްކުރަމުންދަނީ މިފެށޭ މާޗްމަހުގެ މެދެއްހާތާނގައި ބަހުސް ފެށުމަށްކަމަށް ނަސްރުﷲ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބަހުސް ފަށާނީ ފުވައްމުލަކު ސިޓީން، އާންމުންނަށް ވަދެވޭތަނެއްގައި ބަހުސް ބާއްވާނީ. ފުވައްމުލަކު ސިޓީއަށްފަހު އައްޑޫ ސިޓީގައި، ދެން ކުޅުއްދުފުށީގައި ބާއްވާފައި ނިންމާލާނީ މާލެސިޓީ ބަހުސްއިން" ނަސްރުﷲ އިދުރީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން މިފަހަރު މޭޔަރުންގެ ބަހުސް ބާއްވާއިރު، ރާއްޖޭގައި ބާއްވާ ބޮޑު އިންތިޚާބުތަކާއި ގުޅިގެން ޕީއެސްއެމްގެ އެކި ޗެނަލްތަކުން މީގެކުރިންވެސް ރިޔާސީ ބަހުސާއި ދާއިރާތަކުގެ ބަހުސްތައްވަނީ ބާއްވާފައެވެ.
މީގެއިތުރުން މިފަހަރުގެ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ކުރިއަށްދާއިރުވެސް ޕާޓީތަކާއި، ކެނޑިޑޭޓުންނަށް ވިޔަފާރި އުސޫލުންވެސް ވަގުތު ގަތުމުގެ ފުރުޞަތުވަނީ ޕީއެސްއެމުން ހުޅުވާލާފައެވެ.
މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ސަރުކާރު ހިންގާ މައިޕާޓީއާއި، އިދިކޮޅު މައި ޕާޓީގެ އިތުރުން އަމިއްލަގޮތުންވެސް ބައެއް ކެނޑިޑޭޓުން ސިޓީތަކުގެ މޭޔަރުކަމަށް ވާދަކުރެއެވެ. ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވަމުންނެވެ.