ޚަބަރު

"އިންޑިއާ އައިޑިއާސް ކޮންކްލޭވް 2020 ގައި ތަަޤުރީރުކުރެއްވުމަށް، ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގެންފި


ހަވަނަ އިންޑިއާ އައިޑިއާސް ކޮންކްލޭވްގައި ތަަޤުރީރުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިންޑިއާއަށް ވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި ރައީސް ނަޝީދު އިއްޔެ ފުރާވަޑައިގެންފައިވާއިރު، "އިންޑިއާ އައިޑިއާސް ކޮންކްލޭވް 2020" ކުރިއަށްދާނީ މިއަދުން ފެށިގެން އާދިއްތަދުވަހުގެ ނިޔަލަށް އިންޑިއާގެ ގުޖްރާތުގައެވެ.

މިކޮންފަރެންސް އިފްތިތާޙްކުރުމަށް ގުޖްރާތު ސްޓޭޓްގެ ޓެންޓް ސިޓީގައި މިއަދު ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސް ނަޝީދުގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސްބައެއް ފަރާތްތަކުން ވާހަކަފުޅުދައްކަވާނެއެވެ.

"އިންޑިއާ އައިޑިއާސް ކޮންކްލޭވް 2020" ކޮންފަރެންސް މިފަހަރު ކުރިއަށްގެންދަނީ "ނިއު އިންޑިއާ: ޓަރނިންގ ޓު ރޫޓްސް، ރެއިޒިންގ ޓު ހައިޓްސް" މި ޝިޔާރުގެދަށުންނެވެ.

މިދިޔަ ޑިސެމްްބަރު މަހުގެ ތެރޭގައިވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި މަޖިލީހުގެ މެންބަރުން ހިމެނޭ ގޮތަށް 15 ބޭފުޅުންގެ ވަފުދެއް އިންޑިއާއަށް ވަނީ ދަތުރުފުޅެއްކުރައްވާފައެވެ.

މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި މަޖިލީހުގެ މެންބަރު ހިމެނޭ ވަފުދުގެ ބޭފުޅުން އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރީގެ، ލޯކް ސަބާގެ ރައީސް، އޯމް ބިރްލާއާ ބައްދަލުކުރައްވައި ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޮކް ސަބާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.