ނ.އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާގެ ޚިދުމަތް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން އިފްތިތާހްކޮށްދެއްވައިފިއެވެ.
މިނިސްޓަރ މި ޚިދުމަތް އިފްތިތާހްކޮށްދެއްވީ ނ.އަތޮޅުގެ ދެރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަނަދޫއަށް ވަޑައިގެން އެއަތޮޅު ހޮސްޕިޓަލުގައި އޮތް ރަސްމިއްޔާތެއްގައެވެ.
ދަތުގެ ފަރުވާގެ ޚިދުމަތް ފައްޓަވާދެއްވާ ހެލްތު މިނިސްޓަރ ވަނީ އެތަން ބައްލަވާލައްވާފައެވެ. އަދި ހޮސްޕިޓަލުގެ އެހެނިހެން ޚިދުމަތްތައް ދޭ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަންވެސް މިނިސްޓަރ ބައްލަވާލެއްވިއެވެ.
މި ޚިދުމަތް ފައްޓަވާދެއްވާ ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާގެ ޚިދުމަތް ދޭން ފެށުމުން މި ޚިދުމަތް ހޯދުމަށް އަތޮޅުގެ ރައްޔިތުން ކުރަމުން އައި ދިގުދަތުރުތަކަށް ނިމުމެއް އަންނާނެކަން ފާހަގަކުރައްވާފައެވެ. އަދި މީގެ ސަބަބުން އަތޮޅުގެ ރިޒޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ސިއްޙީ ޚިދުމަތް ހޯދުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެކަށެވެ. މިނިސްޓަރ އަމީން ވަނީ ރާއްޖޭގެ ކަންކޮޅުތަކުގައި ފޯރުވައިދޭ ޞިއްޙީ ޚިދުމަތް އެއްދުވަހުން އަނެއްދުވަހަށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
"ދަތުގެ ފަރުވާއަކީ މިހާރު ރައްޔިތުންނަށް ވަރަށް މުހިއްމު ފަރުވާއެއް. އެގޮތުން ދަތާއި އަނގައިގެ ބަލިތަކަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު ބަލިތަކެއް." މިއި އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަތަކާއި ކެއިން ބުއިމުގެ އާދަތަކާއި ގުޅިފައިވާ ކަމެއް، ޚާއްސަކޮށް ދުންފަތްލައިގެން ދުފުމަކީ ވަރަށް އާއްމުކަމެއް. ވުމާއެކު މިފަދަ ބަލިތަކުން ރައްކާތެރިވުމަށާއި ބަލީގެ ކުރީކޮޅުގައި ބަލިޖެހިފައިވާކަން ދެނެގަނެ، ފުރިހަމަ ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި ދަތުގެ ފަރުވާގެ ޚިދުމަތަކީ ނުހަނު ބޭނުންތެރި ޚިދުމަތެއް."މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އަޙުމަދު ހާރޫން ވަނީ ހޮސްޕިޓަލްގައި ދެމުންދާ ޚިދުމަތް ފުޅާކޮށް އެ ޚިދުމަތް ރަނގަޅު ފެންވަރަކަށް ދެވޭނީ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްގެންކަން ފާހަގަކުރައްވާފައެވެ. އަދި އޭނާ ވަނީ ހޮސްޕިޓަލުގައި ކަށީގެ ފަރުވާދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ މުހިއްމުކަމެއްކަންވެސް ފާހަގަކުރައްވާފައެވެ.
"ނ.އަތޮޅުގެ ރައްޔިތުން ޝަކުވާ ކުރާ އަނެއްކަމަކީ ބޭސްފިހާރަތުގައި ބޭސް ނުހުރުން. މިކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން މިދަނީ. މިގޮތުން އެސްޓީއޯގެ ފަރާތުން ވަރަށް ބޮޑު ޔަޤީންކަމެއް ލިބިފައިވަނީ މިކަމަށް ޙައްލު ލިބޭނެކަމުގެ." މަނަދޫ ދާއިރާގެ މެމްބަރު އަޙްމަދު ހާރޫން ވިދާޅުވިއެވެ.
ގާތްގަނޑަކަށް 2000 މީހުންގެ އާބާދީއެއް އޮންނަ މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލުގައި މި ޚިދުމަތް ފެށުމަކީ އެ އަތޮޅުގެ ފަނަރަހާސް ރައްޔިތުންނަށް ލިބޭނެ ބޮޑު ލުޔެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.
މި ރަސްމިއްޔާތުގައި ވަނީ ނ.އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ އެންސީޑީ ކްލިނިކާއި ސެޒޭޝަން ކްލިންކްވެސް އިފްތިތާޙްކޮށްފައެވެ.