ޚަބަރު

އެސެޓް ރިކަވަރީ ކޮމިޝަނުގެ މެމްބަރަކު އިސްތިއުފާދެއްވައިފި


ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރު، އާސް އަބްދުﷲ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ މެމްބަރުކަމުން އާސް އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ. އިސްތިއުފާ ދެއްވި ސަބަބެއް އާސް ވިދާޅެއްނުވެއެވެ. އާސްގެ ޓުވީޓްގައި އޭނާ ވަނީ އެ ކޮމިޝަނަށް އައްޔަން ކުރެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

އާސް އިސްތިއުފާ ދެއްވާފައިވާއިރު އެކޮމިޝަނުން ބަލަމުންގެންދިޔަ މައްސަލަތައް ނިމި ކޮމިޝަނުގެ ފައިނަލް ރިޕޯޓް ތައްޔާރުވަމުންދާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. އެ ކޮމިޝަނުން ބެލި އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގެ ތާރީޚްގައި މިހާތަނަށް ހިނގާދިޔަ އެންމެ ބޮޑު ކޮރަޕްޝަނުގެ ހިޔާނާތުގެ މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށްތަކާ ފަޅުތަކުން ލިބުނު ފައިސާ ކޮރަޕްޝަނުގެ ގޮތުގައި އެކި ފަރާތްތަކަށް ލިބިފައިވާކަން މިހާތަނަށް ވަނީ ހާމަވެފައެވެ.

އާސް އިސްތިއުފާ ދެއްވުމުން މިހާރު ދެން އެ ކޮމިޝަނުގައި ތިއްބެވީ ކޮމިޝަނުގެ ރައީސް އަހްމަދު އަސްއަދާއި ނަދީމް އިބްރާހީމާއި އައިމިނަތު ހަސަންގެ އިތުރުން ފާތިމަތު ސަރީރާއެވެ.