ތާރީޚީ މައުލޫމާތާއި، ތާރީޚީ ހާދިސާތަކުގެ ނަތީޖާއާއި އެ ނަތީޖާއިން ކުރުވި އަސަރުތަކާމެދު ފުނަށް ވިސްނައި ތާރީޚުން މަންފާކުރާނޭ ރަންޒަމާނެއް ގެނެސްދެއްވުމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އިލްތިމާސް ކުރައްވައިފި. މިނިސްޓަރ މިކަމަށް އިލްތިމާސް ކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ ތާރީޚް ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި.
މިނިސްޓަރގެ މެސެޖުގައި ވަނީ ތާރީޚު އިލްމުވެރިން އަޅުގަނޑުމެންގެ ހަގީގަތާއި، ގައުމީ ހަޔާތުގެ ތަޖުރިބާތަކުގެ ފިލާވަޅުތަކުން މަންފާ ލިބެނިވި ގޮތުގައި ތާރީޚަށް ޚިދުމަތްކޮށްދެއްވުމަށްވެސް އިލްތިމާސްކުރައްވާފައި.
ދިވެހީންނަކީ ދިގު މާޒީއެއް އޮތް ބައެއްކަން ފަހާގަކުރައްވާ އެދިގު މާޒީއަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ މިއަދުގެ ތަސައްވުރަކަށް ވާންވީ ދިވެހި ތާރީޚް ލިޔެވިފައިވާ ލިޔުންތައް އިތުރަށް ދިރާސާކުރުމުގެ ރޫޙު ކުރިއަރުވާ އަންނާން އޮތް ޖީލުތަކަށް އަމާނަތްތެރިކަމާއެކު ފޯރުކޮށްދިނުމާއި މިއަދުގެ ހާދިސާތައްވެސް ތަޢައްސުބުތަކުން އެއްކިބާވެ ތިބެ ލިޔުމަށް ބާރުއެޅުން ކަމަށެވެ.
ރާއްޖޭގެ ކޮންމެ ރަށަކާއި ކޮންމެ ކޮންމެ އަތޮޅެއްގެ ވެސް ތާރީޚެއް އޮތްކަން ބަޔާން ކުރައްވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ މި ތާރީޚުތައް ލިޔެ ކިތާބުކޮށް މިހާރުގެ ޒުވާން ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކަށް ގެންގޮސްދިނުމަކީ ކޮންމެހެން ކުރާންޖެހިފައިވާ މަސައްކަތެއްކަމަށާއި އެހެންކަމުން މި މަސައްކަތް ލަސްނުކޮށް ކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
މިއަދު ފާހަގަކުރަމުން މިދާ ތާރީޚު ދުވަހުގެ ޢަޒުމަކަށް ވާންވީ މާޒީވެ ދިޔަ ދުވަސްތައް ބުނެދިން ފިލާވަޅުތަކުން މިއަދު ޢިބުރަތް ހާސިލްކޮށް މާދަމާއެއް ބިނާކުރުން ކަމަށްވެސް މިނިސްޓަރ ވިދާޅުވި.
ޤައުމީ ތާރީޚް ދުވަހެއް ފާހަގަ ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ތާރީޚު ދިރާސާކުރުމުގެ ރޫޙު އިތުރަށް ކުރި އެރުވުމާއި ދިވެހި ޒުވާން ޖީލު ތާރީޚަށް ޝައުގުވެރިކުރުވުމާއި ތާރީޚަށް އަހުލުވެރި މުޖުތަމައެއް އުފެއްދުމެވެ