ވިޔަފާރި

40 އެގްޒިބިޓަރުންނާއެކު ލިވިންގ އެކްސްޕޯ ފަށައިފި


40 އެގްޒިބީޓަރުންނާއެކު މިއަހަރުގެ ލިވިންގ އެކްސްޕޯ ދަރުބާރުގޭގައި ފަށައިފިއެވެ.

މިއަހަރުގެ ލިވިންގ އެކްސްޕޯ ހުޅުއްވައިދެއްވީ ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް އެވެ.

ރާއްޖޭގެ ޕީއާރު އަދި މާކެޓިންގ ކުންފުންޏެއްކަމަށްވާ ހައިރައިޒްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ލިވިންގ އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ޚިދުމަތްދޭ ބޮޑެތި ކުންފުނިތައް އެއްތަނަކަށް ގެނެސް މިދާއިރާގައި ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.

އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ޕްލޭނިންގ މިނިސްޓަރ ވަނީ އެކި ސްޓޯލްތަކަށް ޒިޔާރަތްކޮށް އެކި ކުންފުނިތަކުން ދޭ ޚިދުމަތްތައް ބައްލަވާލައްވާފައެވެ.

މި އެކްސްޕޯގެ ތެރޭގައި މިނިސްޓަރ ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ އައު ވެބްސައިޓް ވެސް އިފްތިތާޙުކޮށްދެއްވާފައެވެ. މިއީ ހުޅުމާލޭގައި ރިއަލް އެސްޓޭޓަށް ހުރި ފުރުސަތުތަކުގެ މަޢުލޫމާތު އެއްތަނަކުން އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ފަރުމާކޮށްފައިވާ ވެބްސައިޓެކެވެ.

ހައިރައިޒްއިން ބުނީ މިއަހަރުގެ އެކްސްޕޯގައި 40 އެގްޒިބިޓަރުން ބައިވެރިވެފައިވާކަމަށެވެ. އެކްސްޕޯގެ މައި އެގްޒިބިޓަރުންގެ ތެރޭގައި ރިއަލް އެސްޓޭޓް، ކޮންސްޓްރަކްޝަން އަދި ރިސޯޓު ދާއިރާގައި ޙަރަކާތްތެރިވާ ކުންފުންޏެއްކަމަށްވާ މޯހަން މުތާ ކުންފުންޏާއި ސްރީލަންކާގެ ބައެއް ކުންފުނިތައް ކަމަށްވާ އަލްޓެއަރ، ޖޯން ކީލްސް ހޯލްޑިންގްސްއާއި މެލޭޝިއާގެ ނަން މަޝްހޫރު އަކުއާ ވިޓާ ރެސިޑެންސްއާއި އެޕޯލޯ ހޯލްޑިން ހިމެނެއެވެ.

މީގެ އިތުރުން ދިވެހި ކުންފުނިތައް ކަމަށްވާ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ އެމްއެފްއެލްސީ، މޯލްޑިވްސް އިސްލާމިކް ބޭންކް، އެލައިޑް އިންޝުއަރެންސް އަދި ދިވެހި އިންޝުއަރެންސް މި އެކްސްޕޯގައި ބައިވެރިވެއެވެ.

އެކްސްޕޯގެ ތެރެއިން މި ކުންފުނިތަކުގެ ތަފާތު ޕްރޮޑަކްޓްސްތައް އާންމުންނަށް ފެންނަން ހުންނާނެކަމަށް ހައިރައިޒްއިން ބުނެއެވެ.

ހައިރައިޒްއިން ބުނީ މޯލްޑިވްސް ލިވިންގ އެކްސްޕޯގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޤާއިމްކޮށް ބިނާކުރެވެމުންދާ ރިއަލްއެސްޓޭޓް ވިޔަފާރީގެ އެންމެ ފަހުގެ އުފެއްދުންތަކުގެ މަޢުލޫމާތު ހިއްސާކުރުންކަމަށެވެ. އަދި ގެދޮރަށް ބޭނުންވާ އެންމެ ފަހުގެ ފަރުނީޗަރާއި، ޓެކްނޮލޮޖީ އަދި އެހެނިހެން ހިފާ ގެންގުޅޭ ސާމާނު މައުލޫމާތުވެސް މިއެކްސްޕޯއިން ލިބޭނެކަމަށް ހައިރައިޒްއިން ބުނެއެވެ.

މިއަހަރުގެ ލިވިންގ އެކްސްޕޯ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު މެންދުރު 2:00 އިން ހަވީރު 6:00 އަށް، އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.