ތަޢުލީމު

ޢިއްޒުއްދީން ސްކޫލުގެ ޘަޤާފީ ދުވަސް - ހިތްގައިމު މަންޒަރުތަކެއް!


ރާއްޖޭގައި ފާހަގަކުރާ ތަފާތު ދުވަސްތަކާއި ދިމާކޮށް އެކި ސްކޫލްތަކުން އަންނަނީ ދިވެހި ސަޤާފަތާއި ޤައުމިއްޔަތު ދިރުވާ އާލާކުރުމަށް ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ.

އެގޮތުން މިއަދު ފާހަގަކުރަމުންދާ "ޤައުމީ ތާރީޚު ދުވަސް" ޢިއްޒުއްދީން ސްކޫލުގައި ފާހަގަކޮށްފައި ވަނީ އެ ސްކޫލުގެ ސަޤާފީ ދުވަހާއިވެސް ގުޅުވައިގެންނެވެ.

ޤައުމީ ތާރީޚު ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ކޮން ބައެއް، ކޮން ތަނެއް - ތާރީޚުން ބަލަމާ" އެވެ. މިދުވަސް ފާހަގަކުރުމަށް ޢިއްޒުއްދީން ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުން ސްކޫލަށް ގޮސްފައި ވަނީ ސަޤާފީ ހެދުމުގައެވެ.

"ޤައުމީ ތާރީޚު ދުވަސް" ފާހަގަކުރުމަށް ޢިއްޒުއްދީން ސްކޫލުގެ ހޯލާއި ގޯތިތެރޭގައި ކުރިއަށްދިޔަ މި ހަރަކާތުގެ ތެރެއިން ވަނީ ތަފާތު ސްޓޯލްތައް މެދުވެރިކޮށް، ދިވެހިންގެ އާދަކާދައާއި މަސައްކަތްތެރިކަން ދައްކުވައިދޭ މަޢުލޫމާތު ފޯރުކޮށްދީފައެވެ. އެގޮތުން ފަންގިވިނުމާއި، އޮނޑިދޯނިފަހަރު ބަނުމާއި، ރޯނުވެށުން އަދި މަސްވެރިކަމާއި ދަނޑުވެރިކަންފަދަ ތަފާތު މަސައްކަތްތައް ކުދިންނަށް ދައްކުވައިދީފައިވެއެވެ. މީގެ އިތުރުން ދިވެހި ތާރީޚާއި، ދިވެހިންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް އެކި ދުވަސްވަރުމަތިން އައިސްފައިވާ ބަދަލުތައްވެސް މި ހަރަކާތުގެ ތެރެއިން ވަނީ ދައްކުވައިދީފައެވެ.

މި ހަރަކާތުގެ ތެރެއިން އެ ސްކޫލުގެ ގްރޭޑް 1 އިން ފެށިގެން 6 އަކާއި ހަމައަށް ކިޔަވަމުންދާ ދަރިވަރުން ވަނީ ސްޓޯލްތަކަށް ޒިޔާރަތްކޮށް ދިވެހި ތާރީޚާގުޅޭ އެކި މަޢުލޫމާތު އެއްކޮށްފައެވެ. މިއީ ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިންގެ މެދުގައި އިޖްތިމާޢީ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށް ޢިއްޒުއްދީން ސްކޫލުން ބުނެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޢިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް އިސްމާޢީލް ނަޞީރު ވިދާޅުވީ، މިފަދަ ހަރަކާތެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ޒަމާންވީ ދިގު ތާރީޚާއި، ރާއްޖޭގެ މުއްސަނދި ސަޤާފަތް އަދި ދިވެހިންގެ އާދަކާދައާއި ގުޅިފައިވާ ޒަމާންވީ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ދަރިވަރުންނަށް ދިނުންކަމަށެވެ. އަދި ކްލާސްރޫމެއްގައި އެފަދަ ފިލާވަޅުތަކެއް ނަގައިދިނުމުގެ ބަދަލުގައި އެކަންކަން ޢަމަލީގޮތުން ތަޖުރިބާކޮށްލުމުގެ ފުރުޞަތު މި ހަރަކާތުގެ ތެރެއިން ދަރިވަރުންނަށް ފަހިކޮށްދީފައިވާކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

ކުރީގެ މާލޭ އިންގްލިޝް ސްކޫލް، އެމް.އީ.އެސް ހިންގި ޢިމާރާތުގައި ޢިއްޒުއްދީން ސްކޫލުގެ ނަމުގައި ސަރުކާރުން އައު ސްކޫލެއް ހުޅުވާފައިވަނީ 14 ޖެނުއަރީ 2020 ގައެވެ. މިއީ މާލޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ލުޔެއް ހޯދުމުގެ ގޮތުން އެއްދަންފަޅިއަށް ޚާއްސަކޮށްގެން ހުޅުވި ސްކޫލެކެވެ. މި ސްކޫލުގައި މިހާރުވެސް 200 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމު ހާޞިލުކުރަމުންނެވެ.