ޚަބަރު

ތުއްތުކުއްޖާއަށް އަޅާނުލި މައްސަލާގައި އެކުއްޖާގެ މަންމައާއި ބައްޕަގެ މައްޗަށް ދަޢުވާކޮށްފި


ދެކުނުގެ ރަށެއްގައި ޖިންސީ އަނިޔާލިބުނު ދެއަހަރުނުވާ ތުއްތުކުއްޖާއަށް އަޅާނުލި މައްސަލާގައި އެކުއްޖާގެ މަންމައާއި ބައްޕަގެ މައްޗަށް ދައުލަތުން ދައުވާކޮށްފިއެވެ.

މިމައްސަލައިގެ އެކުއްޖާގެ މަންމައާއި ބައްޕަގެ މައްޗަށް ކުރާ ދަޢުވާ ދައުވާ ދައުލަތުން ހުށާއަޅާފައިވަނީ ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

މިމައްސަލާގައި ކުއްޖާގެ މަންމަގެ މައްޗަށް ދައުވާކުރަނީ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓުނުކުރުމުގެ ސަބަބުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން،ދަށުންކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ކުއްޖާގެ ބައްފަގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 414 ވަނަ މާއްދާގެ ދަށުން މަންމައަކަށް ނުވަތަ ބައްޕައަކަށް ނުވަތަ ބެލެނިވެރިއަކަށް ހުރެ، މި ޤާނުނުގެ 110 ވަނަ ބާބާއި 120 ވަނަ ބާބާއި 130 ވަނަ ބާބުގައި ބަޔާންކޮށްފައިވާފަދަ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމަކީ، އެކަށީގެންވާ ކަމެއްކަން އެނގިހުރެ އެފަދަ ކުށެއް ކުއްޖާއާމެދު ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ އެކަށީންގެންވާ ފިޔަވަޅު އަޅާފައި ނުވުމުގެ ކުށުގެ ދަޢުވާއެވެ.

ތުއްތު ކުއްޖާއަށް ޖިންސީ އަނިޔާކުރި މައްސަލައާ ގުޅިގެން އިހުމާލުވިކަމުގެ ތުހުމަތުގައި އޭނާގެ ބައްޕަ ހައްޔަރުކޮށް ތަހްގީގު ފުރިހަމަ ކުރުމަށްފަހު ފެބްރުއަރީ 10 ވަނަދުވަހު އެނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ދެކުނުގެ ރަށެއްގައި ޢުމުރުން ދެއަހަރު ނުވާ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކުއްޖާގެ ކާފައާއި މުނިކާފަގެ މައްޗަށްވެސް މިހާރުވަނީ ދަޢުވާއުފުލާފައެވެ.

ޕްރޮސެކިއުޓަރ ޖެނަރަލް ޙުސައިން ޝަމީމް ވިދާޅުވީ މިމައްސަލާގައި ދަޢުވާ އުފުލާފައުިވަނީ ގއ.ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ (62އ) އާއި ގއ.ކަނޑުހުޅުދޫ، އަންނާރުމާގެ، ޙަސަން މޫސާދީދީ (82އ)ގެ މައްޗަށްކަމަށެވެ.

ތުއްތު ކުއްޖާއަށް ޖިންސީ އަނިޔާކުރިކަމުގެ ތުޙުމަތުކުރެވޭ ކުއްޖާގެ މުނިކާފައަކީ މީގެކުރިންވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، ފުރައްސާރަކުރުމުގެ ރިކޯޑު އޮތް މީހެކެވެ.