ޚަބަރު

ޕާމަނަންޓް ސެކްރެޓަރީން އައްޔަންކުރުމުގެ އުޞޫލަށް އިޞްލާހު ގެންނަނީ


މިނިސްޓްރީތަކަށް ޕާމަނަންޓް ސެކްރެޓަރީން ޢައްޔަންކުރާއިރު އެ މިނިސްޓްރީއެއްގެ ވަޒީރާ މަޝްވަރާކޮށް ވަޒީރުގެ ލަފާއާއެކު ޕަރމަނަންޓް ސެކްރެޓަރީން އައްޔަންކުރުމުގައި ޢަމަލުކުރާ އުޞޫލަށް އިޞްލާހު ގެންނަމުންދާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ސިވިލްސަރވިސް ކޮމިޝަނުން މިކަން ހާމަކުރީ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އިހުމާލުވެފައިވާކަމަށް ތުހުމަތުކުރެވިގެން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާކުރައްވަމުންގެންދަވާ މައްސަލާގައި، ކޮމިޝަނުގެ މެންބަރުން ދެއްވި ޖަވާބުގެ ޚުލާސާބަޔާނުގައެވެ.

ދައުލަތުގެ އެކިއެކި މިނިސްޓްރީތަކަށް ޕަރމަނަންޓް ސެކްރެޓަރީން ނެގުމުގެ ކުރިން ކޮންމެ ފަހަރަކު ވެސް ޕަރމަނަންޓް ސެކްރެޓަރީ ނެގުމާގުޅޭ އުޞޫލު ކޮމިޝަނުން ބަދަލުކޮށްފައިވާކަން ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަން ފާހަގަކޮށް، ބައެއްފަހަރު ޕަރމަނަންޓް ސެކްރެޓަރީން އައްޔަންކުރާ އިރު، މަޤާމުގެ ޝަރުތު މަތިކޮށްފައި އަނެއްބައި ފަހަރު އެ މަޤާމުގެ ޝަރުޠުތައް ލުއިކޮށްފައިވާކަމަށް ސީއެސްސީގެ މެންބަރުންގެ މައްޗަށް ވަނީ ތުހުމަތުކޮށްފައެވެ.

އަދި އެގޮތަށް ކޮމިޝަނުން ޢަމަލުކޮށްފައިވަނީ ސީދާ ވަކި ފަރާތަކަށް އެމަޤާމު ދިނުމަށްކަމަށް ކޮމިޓީއަށް ފާހަގަކުރެވިފައިވާކަމަށް ބަޔާންކޮށް ޖަވާބުދާރީވުމަށް ފާހަގަކޮށްފައިވާ ނުކުތާއާ ގުޅިގެން ސިވިލްސަރވިސްކޮމިޝަނުން ވިދާޅުވީ، 2016ވަނަ އަހަރު ސަރވިސްގެ ޤާނޫނުގެ މަޖިލީހުން ގެންނެވި އިޞްލާހާ ގުޅިގެން ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހުން ޢައްޔަންކުރަނީ އެމިނިސްޓްރީއެއް ހިންގުމާ ޙަވާލުވެހުރި މިނިސްޓަރެއްގެ ލަފައާއެކު އެކޮމިޝަނުންކަމަށެވެ.

މިއާއެކު ޕަރމަނަންޓް ސެކްރެޓަރީން ޢައްޔަންކުރެވޭ މަރުހަލާގައި މިނިސްޓަރާ މަޝްވަރާ ކުރެވިގެން އެފަރާތުގެ ލަފާއަށް ރިޢާޔަތްކޮށް ޕަރމަނަންޓް ސެކްރެޓަރީން އައްޔަންކުރުމުގައި ޢަމަލުކުރާ އުޞޫލަށް އިޞްލާހު ގެންނަމުންދާ ކަމުގައި ސީއެސްސީގެ ޖަވާބުގައި ވާނީ ފާހަގަކުރައްވާފައެވެެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ބަލަމުންދާ މައްސަލަތަކުގައި ސިވިލްސަރވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުޙައްމަދާއި މެމްބަރު ޒަކަރިއްޔާ ޙުސައިނާއި މެމްބަރު އިބްރާހީމް ޝަހީޤާ ގުޅޭގޮތުން ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ކޮމިޓީއަށް ލިޔުމުން ޖަވާބުދާރީވުމުގެ އެބޭފުޅުންގެ ހުށަހެޅުންތަކާއެކު ކޮމިޓީން އެކުލަވާލާ ރިޕޯޓާއި، ކޮމިޓީން ނިންމާގޮތެއް މަޖިލީހުގެ ތަޅުމަށް ފޮނުވާނެކަމަށް ކޮމިޓީގެ މުޤައްރިރު ވަނީ ވިދާޅުވެފައެވެ.

ސިވިލްސަރވިސް ކޮމިޝަނުގެ ރައީސާއި، ނައިބްރައީސް ހިމެނޭގޮތަށް އެ ކޮމިޝަނުގެ 4 މެންބަރަކާ ގުޅޭގޮތުން މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން ބަލާފައިވަނީ މައިގަނޑު 5 މައްސަލައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލްސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލަތަކާއި، އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީން އައްޔަންކުރުމުގައި ނޫފޫޒުގެ ބޭނުންކުރުމާއި، ކޮމިޝަނުގެ ބައެއް މަޤާމުތަކަށް މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި، ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހުރި މައްސަލަތައްވެސް މީގެތެރޭގައި ހިމެނެއެވެ.