ތަޢުލީމު

ނާސާގެ ސްޕޭސް ސްޓޭޝަން މެދުވެރިކޮށް ދިވެހި ދަރިވަރުން ފޮޓޯ ނެގުމުގެ ހަރަކާތް ވަރަށް ކާމިޔާބު!


އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންގެ ކެމެރާ ބޭނުންކޮށްގެން ރާއްޖެއާއި ދުނިޔޭގެ އެކި ތަންތަން ފޮޓޯ ނެގުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް ދިވެހި ދަރިވަރުންނަށް ފަހިކޮށްދިނުމަށް ކުރިއަށްގެންދިޔަ ހަރަކާތް ވަރަށް ކާމިޔާބުކަމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުން ބުނެފިއެވެ.

ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ކުރިއަށްދިޔަ މި ހަރަކާތުގައި އެ ސްކޫލުގެ އިތުރުން މާލޭގެ 11 ސްކޫލަކުން ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންގެ ކެމެރާ ބޭނުންކޮށްގެން ރާއްޖެއާއި ދުނިޔޭގެ އެކި ތަންތަން ފޮޓޯ ނެގުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް ދިވެހި ދަރިވަރުންނަށް ފަހިކޮށްދިނުމަށް ކުރިއަށްގެންދިޔަ ހަރަކާތަކީ އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ސްޕޮންސަރކޮށް، ޔުނިވަރސިޓީ އޮފް ކެލިފޯނިއާއާއި ނާސާގެ ޖޯންސަން ސްޕޭސް ސެންޓަރ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ކުރިއަށްގެންގޮސްފައިވަނީ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސަސް، އައި.ޖީ.އެސްއާއި ގުޅިގެންނެވެ. މިއީ އައި.ޖީ.އެސްއާއި ގުޅިގެން ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުން ދާދިފަހުން ފެށި "ސްޕޭސް ސައިންސް ޕްރޮގްރާމް"ގެ ތެރެއިން ހިންގި ހަރަކާތެކެވެ.

ޖައްވުގެ ތެރެއިން ދުނިޔެ ފެންނަގޮތުގެ ފޮޓޯ ނެގުމުގެ މިހަރަކާތަކީ "އެކްސްޕްލޯރިން އާތު ފްރޮމް ސްޕޭސް"ގެ ކަރިކިއުލަމް ފުރިހަމަކުރުމަށް ޢަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން ހިންގި ހަރަކާތެއްކަމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުން ބުނެއެވެ. އެގޮތުން މި ހަރަކާތުގައި އެ ސްކޫލުގެ ގްރޭޑް 6 އިން ފެށިގެން 9 އަކާއި ދެމެދުގެ 62 ދަރިވަރުންނާއި މާލޭގެ 11 ސްކޫލަކުން 22 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ހަރަކާތުގެ ތެރެއިން ދަރިވަރުންނަށް ރާއްޖެއާއި ދުނިޔޭގެ އެކި ސަރަޙައްދުތަކުގެ ފޮޓޯތައް ނެގުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.

ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ހެޑް އޮފް ސައިންސް ޑިޕާޓްމަންޓް ރާމްމޯހަން ބަލާޖީ ޕްރަސާދު ވިދާޅުވީ، 1 ގަޑިއިރަށް ކުރިއަށްގެންދިޔަ މި ހަރަކާތް ވަރަށްވެސް ކާމިޔާބުކަމަށެވެ. މި ހަރަކާތުގެ ތެރެއިން ނާސާގެ މިޝަން އޮޕަރޭޝަން ސެންޓަރގެ ޙާއްސަ ލޮގިންއެއް ބޭނުންކޮށްގެން ދަރިވަރުން ރިކުއެސްޓްކުރި ފޮޓޯތައް 24 ގަޑިއިރުގެ ތެރޭގައި ލިބޭނެކަމަށް ރާމްމޯހަން ވިދާޅުވިއެވެ.

ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަމުން މި ހަރަކާތުގައި ބައިވެރިވި ބައެއް ދަރިވަރުން ވަނީ މިއީ ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުޞަތެއްކަން ފާހަގަކޮށް، މިކަމުގެ ތެރެއިން ޝަޢުގުވެރި މަޢުލޫމާތުތަކެއް ލިބިގެންދިޔަކަން ފާހަގަކޮށްފައެވެ. އެގޮތުން ނާސާގެ ސްޕޭސް ސްޓޭޝަން ދަތުރުކުރާގޮތާއި، ސެޓެލައިޓް މެދުވެރިކޮށް ފޮޓޯ ނެގުމުގެ ކަންކަން ކުރިއަށްދާގޮތް އެނގިގެންދިޔަކަން ދަރިވަރުން ފާހަގަކުރިއެވެ.

ތަޢުލީމީ ދާއިރާއިން އީޖާދީ އުފެއްދުންތަކަށް ދަރިވަރުންގެ ލޯ ހުޅުވައިދީ ތަފާތު އެކި ކަހަލަ ފުރުޞަތުތައް ފަހިކޮށްދިނުމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުން އަންނަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ އެކެޑަމިކް މެޓީރިއަލްތައް ދަރިވަރުންގެ އެކްސްޕެރިމެންޓްތަކާއި ޕްރޮޖެކްޓުތަކުގައި ބޭނުންކުރަމުންދެއެވެ.

ސްޕޭސް ސައިންސްއަށް ދަރިވަރުން އަހުލުވެރިކުރުވުމަށް އެކެޑެމިކް އިންސްޓިޓިއުޝަންތަކަށް ނާސާއިން މިފަދަ ފުރުޞަތުތައް ދޭތެރެ ދޭތެރެއިން އަންނަނީ ދެމުންނެވެ. އެގޮތުން މިއީ ދިވެހިރާއްޖޭގެ ދަރިވަރުންތަކަކަށް މިފަދަ ފުރުޞަތެއް ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ.