ވިޔަފާރި

4 ރަށެއްގައި ޕޯސްޓުގެ ޚިދުމަތްދޭނެ ބަޔަކު ހޯދަނީ


4 ރަށެއްގައި ޕޯސްޓުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

މޯލްޑިވްސް ޕޯސްޓުގެ އިޢުލާނުގައިވާ ގޮތުން ޕޯސްޓްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަނީ، އއ.ތޮއްޑޫ، ގދ.މަޑަވެލި، މ.ކޮޅުފުށި އަދި ތ.ތިމަރަފުށީގައި ޕޯސްޓްގެ ޚިދުމަތް ދިނުމަށެވެ.

ރަށްރަށުގައި ޕޯސްޓުގެ ޚިދުމަތްދޭ ފަރާތްތަކުގެ ޒިންމާތަކުގެ ތެރޭގައި ރަށުގެ އެޑްރެސްތަކަށް ރައްދުކުރަންޖެހޭ ސިޓީ، ޕާރުސަލްފަދަ ތަކެތި ރައްދުކުރުމާއި ސިޓީ، ޕާރުސަލް ޕޯސްޓް ކުރުމަށް ބޭނުންވާ ފަރާތަކަށް އެޚިދުމަތް ދިނުން ހިމެނެއެވެ. އަދި ރަށުގައި ޕޯސްޓް ކުރެވޭ ތަކެތީގެ ތެރެއިން ރަށް ފިޔަވައި އެހެން ތަންތަނަށް އެޑްރެސް ކުރެވިފައިވާ ތަކެތި ކުންފުނީގެ ހެޑްއޮފީހަށް ފޮނުވުމާއި ޕޯސްޓް ކާރގޯގެ ގޮތުގައި ލިބޭ އަދި ފޮނުވާ މުދާ ޙަވާލުވެ، ފޮނުވުމާއި، ރައްދުކޮށްދިނުމަކީވެސް ޕޯސްޓްގެ ޚިދުމަތްދޭ ފަރާތުގެ ޒިންމާއެކެވެ. މީގެއިތުރުން ސްޓޭމްޕް ވިއްކުމާއި ޕޯސްޓުން ފޯރުވައިދޭ އެހެނިހެން ޚިދުމަތް ފޯރުވައިދިނުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ޕޯސްޓުގެ ޚިދުމަތް ދިނުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، އެކަމަށް ހޮވޭ ފަރާތަކަށް އެޖެންސީ އުޖޫރަ އަދި ޚިދުމަތުގެ ކޮމިޝަން ލިބޭނެކަމަށް ޕޯސްޓް އޮފީހުން ބުނެއެވެ.

ޕޯސްޓުގެ ޚިދުމަތް ދިނުމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ވިޔަފާރިކުރާ ނުވަތަ ވިޔަފާރިކުރުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން، ނުވަތަ ރަށުގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ ކައުންސިލް ފަދަ އިދާރާއެއް ކަމުގައިވުން ނުވަތަ ބޭންކް އެކައުންޓެއް އޮންނަ ފަރާތެއްކަމުގައިވުން ހިމެނެއެވެ. ޕޯސްޓު އޮފީހުން މަޢުލޫމާތުދޭ ގޮތުގައި މިމަސައްކަތް ޙަވާލުކުރުމުގައި ރަށު ކައުންސިލްތަކަށް އިސްކަންދޭނެކަމަށެވެ.

ޕޯސްޓުން ބުނީ އިޢުލާންކޮށްފައިވާ 4 ރަށުގައި ޕޯސްޓްގެ ޚިދުމަތްދޭން ބޭނުންވާ ފަރާތްތަކުން އަންނަމަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕޯސްޓް އޮފީހަށް ސިޓީން ހުށަހަޅަންޖެހޭކަމަށެވެ.