ޚަބަރު

ކުނިނައްތާލަން ޒޯން 2 ގައި ހެދިސެންޓަރުގެ ޖާގަކުޑަވެ ޙައްލެއް ނުލިބި


ކުނީގެ މައްސަލަ ހައްލުކުރުމަށް އެންމެ ބޮޑު އިންވެސްޓްކޮށް ފައިވާ އެއްދާއިރާކަމަށްވާ ނ ރ ބ ޅ ހިމެނޭ ސަރަޙައްދުގެ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ނުލިބޭކަމަށް، މޯލްޑިވްސް ކްލީން އެންވަޔޔަރަމަންޓުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ކްލީން އެންވަޔަރަމަންޓްގެ ކޮމިއުނިކޭޝަން ސްޕެޝަލިސްޓް މުނާޒް މުބާރިކް ވިދާޅުވީ އެސަރަޙައްދުގެ ކުނިނައްތާލުމަށް ތައްޔާރު ކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ކެޕޭސިޓީ ގެ ޖާގަ ކުޑަވެ، މިހާރަށް ނުފުދޭ ކަމުގައެވެ.

ކުނިނައްތާލުމަށް މީގެ 4 އަހަރު ކުރިން ވަނީ ވޯލްޑް ބޭންކާ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ޚާއްޞަ މަރުކަޒެއް ރ ވަންދޫގައި ގާއިމްކޮށްފައެވެ. މޯލްޑިވްސް ކްލީން އެންވަޔަރްމަންޓްގެ ކޮމިއުނިކޭޝަން ސްޕެޝަލިޝްޓް މުނާޒް މުބާރިކް ވިދާޅުވީ، މިމަސައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އަމަލުކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތްތަކެއް މި ޒޯންގައި ކުރިއަށްދާކަމަށެވެ. އެގޮތުން މި ރަށްރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގައި މަސައްކަތް ކުރާ މީހުންނަށް އަމާޒުކޮށްގެން އެކަމަށް މީހުން އަހުލުވެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުވައި މިދާއިރައިން މީހުން ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާކަން މުނާޒް ފާހަގަ ކުރެއްވިއެވެ.

"ވަންދޫގައި ހަދާފައިވާ ސްޓޯރޭޖްތައްވެސް މިހާރަށް ބަލައިފިނަމަ ވަރަށް ކުޑަ، އެއީ އޭރާ ބަލާފަ މިހާރު ކުނި އުފެދޭ މިންވަރު އިތުރުކަމުން އެހުރިހާ ކަމެއްކޮށްގެން ވަންދޫ އޮޕަރޭޝަނަކަށް ގެންދެވޭނީ. މި ޕްރޮޖެކްޓް ފެށުމުގެ ގޮތުން މި ހަތަރު އަތޮޅުގައި ހިމެނޭ 45 ރަށުގެ ތެރެއިން ގިނަ ރަށްތަކެއްގައި ވަނީ ކުނި މެނޭޖް ކުރާ މަރުކަޒުތަކެއް ޤާއިމްކޮށްފަ.
ޒަމާނީ ވަސީލަތްތަކާ އެކުވަންދޫގައި ބަހައްޓާފައިވާ މެޝިންތައް ބޭނުން ނުކޮށްހުރުމުގެ ސަބަބުން ބައެއް މެޝިންތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދޭ. އެމަސައްކަތް ނިމުނުހާއަވަހަކަށް ރަށްތަކުގައި އުފެދޭ ކުނި ކަލެކްޓް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން މިދަނީ. އަދި މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ބޭނުންވާނެ." މުނާޒް ވިދާޅުވިއެވެ.

ނ.ރ.ބ.ޅ އަތޮޅުގައި 60،000 ވަރަކަށް މީހުންގެ އާބާދީއަށް އަމާޒު ކޮށް މީގެ ހަތަރު އަހަރު ކުރިން އުފެއްދި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ކެޕޭސިޓީއަކީ ދުވާލަކު 40 ޓަނުގެ ކުނި ނައްތާލެވޭ ވަރުގެ ކެޕޭސިޓީއެކެވެ. އިންސިނެރޭޓެއް ބޭނުންކޮށް ކުނި ނައްތާލަމުންދާއިރު މިސަރަޙައްދުގެ މީހުން ދިރިއުޅޭ 45 ރަށުގައި އުފެދޭ ކުނި އިތުރުވުމާގުޅިގެން އިތުރު ޖާގައަށް ވަނީ ބޭނުން ވެފައިކަމަށް ޢާއްމޫންނާ ކަމާގުޅޭ މުއައްސަސާ ތަކުން ދަނީ ފާހަގަ ކުރަމުންނެވެ. މިސަރަޙައްދުގެ ރިސޯޓް ތަކުން ނައްތާލާ ކުނިވެސް ޖަމާ ކުރަމުންދަނީ މިސެންޓަރުގައެވެ. އަދި ރިސޯޓްތަކަށް މިޚިދުމަތް މެދު ކަނޑާލާފައި އޮތުމަށްފަހު މާރޗްމަހުގެ އެއްވަނަ ދުވަހުންފެށިގެން ރިސޯޓުތަކަށް ހުޅުވާލާނެކަމަށް މައުލޫމާތުލިބެއެވެ.