އުމުރާއަށް މީހުން ގެންދިއުމުގެ ކަންކަން މަޑުޖައްސާލަން ޢުމުރާއަށް މީހުން ގެންދާ ކުންފުނިތަކަށް އިސްލާމިކް މިނިސްޓްރީން އަންގަވައިފިއެވެ.
އެމިނިސްޓްރީން މިގޮތަށް އެންގެވީ ކޯވިޑް-19 އާ ގުޅިގެން ސަޢުދީ އަރަބިއްޔާއިން ވިސާ ދޫކުރުން ހުއްޓާލާ މިހާރުން ފެށިގެން ވަގުތީގޮތުން ސަޢުދީ އަރަބިއްޔާއަށް އެތެރެ ނުވެވޭނެކަން އާއްމުކޮށް އިޢުލާންކޮށްފައިވާތީއެވެ.
ސައޫދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީ އާއި ހަވާލާދީ، ސައޫދީއަރަބިއްޔާގެ ރަސްމީ ނޫސް އޭޖެންސީން ބުނީ، ސައޫދީގެ ރައްޔިތުންނާއި، އުމުރާގެ އަޅުކަމަށް މައްކާއަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިފިޔަވަޅު އަޅަން ނިންމާފައި ވަނީ މިއަދުން ފެށިގެން ކަމަށެވެ. އަދި ވަގުތީ ގޮތުން އުމުރާގެ އަޅުކަމަށް މީހުން އައުން މަނާކޮށްފައި ވަނީ މުއްދަތެއް ނެތް ގޮތަށެވެ.
އުމުރާގެ އަޅުކަމަށް މީހުން އައުން މަނާކޮށްފައި ވަނީ، ޗައިނާއިން ފެނުނު ކޮވިޑް-19 މުޅި ދުނިޔޭގެ އެކި ޤައުމުތަކަށް ފެތުރިގެން ގޮސް އެބަލީގެ ނުރައްކާ ބޮޑުވެފައިވާތީއެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އަމަލުކުރުމަށް ކަނޑައަޅާފައިވާ ޤައިޑްލައިނާއި އެއްގޮތަށް ސައޫދީ އަރަބިއްޔާއިންވެސް އަމަލު ކުރާނެ ކަމުގައި އެޤައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
އުމުރާގެ އަޅުކަމަށް މީހުން ސައޫދީ އަރަބިއްޔާއަށް އެތެރެވުމާއި، މައްކާ އާއި މަދީނާއަށް ޒިޔާރަތްކުރުން މަނާކުރުމުގެ އިތުރުން، ޓޫރިސްޓުންގެ ގޮތުގައިވެސް ބައެއް ޤައުމުތަކުން މީހުން އެތެރެވުން ސަޢޫދީ އަރަބިއްޔާއިން މިހާރު ވަނީ މަނާކޮށްފައެވެ.
އަދި ސައޫދީ ރައްޔިތުންގެ ތެރެއިންވެސް ޤައުމުން ބޭރުން އަންނަ މީހުންނާއި، ޤަލްފުގެ ޤައުމުތަކުގެ ރައްޔިތުންވެސް ސައޫދީއަށް އެތެރެވުމުގައި ސްކްރީން ކުރުން ހަރުދަނާކޮށްފައިވާކަމުގައި ސައޫދީ ސަރުކާރުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ސައޫދީ އަރަބިއްޔާގެ ރައްޔިތުން ކޮވިޑް-19 ފެތުރެމުންދާ އެއްވެސް ޤައުމަަކަށް ދަތުރު ނުކުރުމަށް ސައޫދީ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮވިޑް-19 ފެތުރެމުންދާތީ، އުމުރާއަށް މީހުން އައުން ސައޫދީ ސަރުކާރުން މަނާކުރި އިރު، އިއްޔެވެސް ބައެއް ޖަމާއަތްތަކުގެ ހަވާލުގައި ދިވެހިން ވަނީ އުމުރާއަށް ފުރާފައެވެ. އަދި ގިނަ ޖަމާއަތްތަކަކުން އުމުރާގެ އަޅުކަމަށް މީހުން ގެންދިޔުމަށް ގިނަ ތައްޔާރީތަކެއްވެސް އޮތީކޮށްފައެވެ.