ކުޅިވަރު

ބެންގަލޫރު ކަޓުވާލައި މާޒިޔާ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް


ދެ ޓީމު 4-4އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-3އިން މޮޅުވެ ރާއްޖޭގެ މާޒިޔާ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފި އެވެ.

އިންޑިޔާގައި މިރޭ ކުޅުނު މެޗުގައި ކަންޓީރަވާ ސްޓޭޑިއަމުގައި މާޒިޔާ ބަލިވީ އިތުރު ވަގުތު ކުޅެންގެން 3-2އިންނެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހީ މި ދެ ޓީމު މާލޭގައި ކުޅުނު މެޗުން 2-1އިން މާޒިޔާ މޮޅުވެފައިވުމުން 4-4ގެ އެގްރީގޭޓުން ދެ ޓީމު އެއްވަރުވުމުންނެވެ.

މި މެޗުގެ ފުރަތަމަ ލީޑް ނެގީ ބެންގަލޫރުންނެވެ. ޑެޝޯން ބްރައުން ޖެހި ގޯލަށް ފަހު މާޒިޔާގެ އިބްރާހިމް ވަހީދު ހުސެއިން ނަތީޖާ ހަމަހަމަކުރި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުގައި ބެންގަލޫރު މޮޅުވީ ކެޕްޓަން ސުނިލް ޗެތްރީ ޖެހި ގޯލުންނެވެ. މިހެންވެ ދެ ޓީމު 3-3އިން އެއްވަރުވުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގައި މާޒިޔާ އަށް ލީޑް ނަގައިދިނީ ސްޓެވަޓް ކޮނޯލީސް އެވެ. އެކަމަކު މާޒިޔާ މޮޅުވާން ދަނިކޮށް މެޗު އެއްވަރުކުރީ އަނިޔާގެ ސަބަބުން މާލޭގައި މި ދެ ޓީމު ކުޅުނު މެޗުގައި ނުކުޅެހުރި ކެޕްޓަން ޗެތްރީ އެވެ.

މިއީ ބެންގަލޫރު އަތުން ރަށުން ބޭރުގައި ދިވެހި ޓީމެއް މޮޅުވި ފުރަތަމަ ފަހަރެވެ. މާޒިޔާ މޮޅުވުމުން ދިވެހި ދެ ޓީމު މިފަހަރު ގްރޫޕް ސްޓޭޖުގައިވާދަކުރާނެ އެވެ. އެ ޓީމަކީ ޓީސީ އެވެ. މިއީ އޭއެފްސީ ކަޕުގެ ތާރީހުގައި ދިވެހި ދެ ޓީމެއް އެއް ގްރޫޕެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މި ގްރޫޕުގައި ދެން ވާދަކުރާނީ އިންޑިޔާގެ ޗެންނާއީ އެފްސީ އާއި ނިއުގެ ކުރީގެ ކޯޗު އޮސްކާ ކޯޗުކޮށްދޭ ބަންގްލަދޭޝްގެ ބަޝަންދުރަ ކިންގްސްއާއި ދެކޮޅަށެވެ.