ވިޔަފާރި

ކްރޫސްލައިނާތައް ރާއްޖެ އައުން ސަރުކާރުން މަނާކޮށްފި


ރާއްޖެއަށް ކްރޫސްލައިނާތައް އައުން ސަރުކާރުން މަނާކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން މިވަގުތަށް ކްރޫސްލައިނާތައް ރާއްޖެއައުން މަނާކޮށްފައި ވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކްރޫސްލައިނާތައް ރާއްޖެއައުމަށް އަލުން ހުއްދަދޭނީ ދުނިޔޭގައި ކޮރޯނާވައިރަސް އޮތް ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށްފަހުކަމަށެވެ.

ކުރޫޒް ލައިނާތައް ރާއްޖެއައުން މަނާކުރުމުގެ އިތުރުން ސައުތު ކޮރެއާއިގެ ދެ ސަރަހައްދަކުންނާއި، އީރާނުންވެސް މީހުން އައު ސަރުކާރުން ވަނީ މަނާކުރައްވާފައެވެ.

މިދުވަސްވަރަކީ ކްރޫސްލައިނާތަކުން ރާއްޖެއަށް ގިނަ ޢަދަދެއްގެ ފަތުރުވެރިން އަންނަމުންދާ ދުވަސްވަރެކެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް 15 ކްރޫސްލައިނަރ ބަނދަރުކުރިއެވެ. އަދި އޭގެ ކުރީ އަހަރު ޑިސެމްބަރު މަހު 19 ކްރޫސްލައިނާ ރާއްޖެއަށް އައިސްފައިވެއެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ރާއްޖެއަށް ފެތުރުނަ ނުދިނުމަށްޓަކައި ދިވެހި ސަރުކާރުން ދަނީ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި އެޗްޕީއޭއިން ވަނީ ރާއްޖެ ޒިޔާރާތްކުރި 3 ކްރޫސްލައިނަރގައި ތިބި 4594 ފަޅުވެރިންނާއި ފަތުރުވެރިން ކޮރޯނާވައިރަހަށް ސްކްރީންކޮށްފައެވެ.

މީގެ އިތުރުން ވެސް އެއަރޕޯޓްތަކާއި ޕޯޓްތަކުގައި ތާމަލް ކެމެރާ ހަރުކޮށް ސަރުކާރުން ދަނީ ރާއްޖެ އެތެރެވާ މީހުން މި ވައިރަހަށް ސްކްރީންކުރުމުގެ މަސައްކަތްކުރަމުންނެވެ.