ޚަބަރު

ޝަޢުގުވެރިވާ ދާއިރާތަކުން ކުރިއަށްދިއުމުގެ ފުރުސަތު ކުދިންނަށް ދޭންޖެހޭ: ނައިބު ރައިސް


ކޮންމެ ކުއްޖަކަށްވެސް، ވަޒީފާގެ މައިދާނުގައި އެ ކުއްޖަކު ޝަޢުޤުވެރިވާ ދާއިރާއަކުން ކުރިއެރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބެލެނިވެރިންނަށް އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އެދި ގޮވައިލެއްވީ، ކުދިންނަށް ހުނަރު ދަސްކޮށްދިނުމުގެ މަޤްޞަދުގައި އެޑިއުކޭޝަން މިނިސްޓްރީއިން ކުރިއަށްގެންދާ "ހޭވައްލާ" ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވައި، އުނގޫފާރު ސްކޫލްގައި ދެއްކެވި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޭވައްލާ ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކޮންމެ ކުއްޖަކީވެސް ތަފާތު މޮޅު ހުނަރުތައް ލިބިގެންވާ ކުއްޖެއްކަމަށާއި، އެ ހުނަރުތައް ތަރައްޤީކުރުމަށް އައިލާއައި، ސްކޫލްގެ މާޙައުލުންވެސް ފުރުސަތު ހޯދައިދޭންޖެހޭކަމަށެވެ. އަދި މިއީ މުޅި ޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ އެންމެ މުހިންމު ކަންތައްކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
ކުރިއަރާފައިވާ ބައެއް ޤައުމުތަކުން މިސާލު ނަންގަވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެ ޤައުމުތައްވެސް ކުރިއަރައިދިއުމުގެ ސިއްރަކީ ހުނަރުވެރި، މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް އެ ޤައުމުތަކުގެ ސަރުކާރުތަކުން ދީފައިވާ ސަމާލުކަމާއި އަހަންމިއްޔަތުކަން ކަމަށެވެ.

މީގެ އިތުރުން، ރާއްޖެ ފަދަ ވަޞީލަތްތައް މަދު ޤައުމަކަށް އިންސާނީ ވަޞީލަތް ތަރައްޤީ ކުރަން ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތަޢުލީމީ ދާއިރާއަށް އެހާ ބޮޑު އިސްކަމެއް ދެއްވަނީ، އަދި އެހާ ބޮޑު ޚަރަދެއް ކުރައްވަނީ ހުނަރުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގެ ބޭނުމުގައި ކަން ނައިބުރައީސް ފާހަގަކުރެއްވިއެވެ.

"އަބަދުވެސް މި ދެކެވެނީ ވަކި ބާވަތެއްގެ މަސައްކަތަކީއޭ ގަދަރުވެރި މަސައްކަތަކީ. ނޫން. ހުނަރާ ޝަޢުގާއިއެކު ކުދިން ދަސްކޮށް ކުރާ ކޮންމެ މަސައްކަތަކީވެސް ގަދަރުވެރި މަސައްކަތެއް. އަޅުގަނޑު ގޮވާލަން ކުދިންނަށް ވަކި ރޮނަގަކުން ކުރިއެރުމަށް ބާރު އެޅުމުގެ ބަދަލުގައި، ކުދިން ޝަޢުގު ހުންނަ ރޮންގަކުން ކުރިއަށްދިއުމުގެ ފުރުސަތު ދިނުމަށް." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ އެކަޑަމިކް ނަތީޖާ ދައްވުމަކީ ކުދިން ހިއްވަރު ދެރަކުރަންވީ ކަމެއް ނޫންކަމަށެވެ. އެކަޑެމިކް ނަތީޖާއާއި އެއްވަރަށް، ކުއްޖާގެ ގައިގައި ހުންނަ ހުނަރަކީވެސް ކުއްޖަކު ކާމިޔާބު މީހަކަށް ހެދުމުގައި އެންމެ މުހިންމު ދަޢުރު އަދާކުރާ ކަންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ހޭވައްލާ ޕްރޮގްރާމް ފައްޓަވައިދެއްވައި ނައިބު ރައީސްވަނީ ކުދިންނަށް ތަމްރީންދޭ ކްލާސްތައްވެސް ބައްލަވާލައްވާފައެވެ. އަދި ދަރިވަރުންނާއި، ސްކޫލް މެނޭޖްމަންޓާއި ވަނީ ބަދަލުކުރައްވާފައެވެ.