އެމްޓީސީސީގެ ބަހަކާއި ސައިކަލެއްޖެހި 13 އަހަރުގެ ކުއްޖާ މަރުވި އެކްސިޑެންޓް ހިނގިއިރު އެބަސްއޮތީ ސައިކަލް ދުއްވަން ކަނޑައަޅާފައިވާ ލޭނުގައިކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހުގެތެރޭގައި ހުޅުމާލެއިން މާލެ ދިއުމަށް ހައިވޭއަށް އަރަންދިޔަ ސައިކަލެއްގައި އެމްޓީސީސީގެ ބަހަކުންޖެހި ހިނގި އެކްސިޑެންޓްގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް މައްސަލަ ހުށައެޅުމުން ކޮމިޓީއާ ހިއްސާކުރި މައުލޫމާތުގައެވެ.
މި އެކްސިޑެންޓު ހިނގިއިރު ސައިކަލްގައި ތިބި ދެމައިންގެ ތެރެއިން ކ.ތުލުސްދޫއަށް ނިސްބަތްވާ އުމުރުން 13 އަހަރުގެ ފާތިމަތު އަންޖުމް ޝަފީގު ވަނީ މަރުވެފައެވެ.
މިމައްސަލަ އެސްއޯއީ ކޮމިޓީން ބަލާފައިވަނީ ހުޅުމާލޭގައި ހިނގި އެ އެކްސިޑެންޓުގައި އަންހެންކުއްޖާ މަރުވުމާއި ގުޅިގެން ސައިކަލުގައި ޖެހުނު ބަސް އޮޕަރޭޓްކުރާ އެމްޓީސީސީން ހިދުމަތްދިނުމުގައި ހެދިފައިވާ ގަވާއިދާއި، އުސޫލުތަކަށް އަމަލުކުރަމުންދާކަން ކަށަވަރުކުރުމަށާއި އެކަން ބެލުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެސް.އޯ.އީ ކޮމިޓީއަށް ފޮނުވުމުންނެވެ.
މިހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ކޯނާއި ބެރިކޭޑްޖަހައި ހައިވޭއަަށް އަރާއިރު، ސައިކަލާއި އެނޫން ވެހިކަތްތައް ވަކިން ދަތުރުކުރެވޭނެ ފަދަ ގޮތަކަށް އެސަރަހައްދަށް ބަދަލުގެނެސްފައެވެ.
މި އެކްސިޑެންޓާއި ގުޅިގެން އެވަގުތު ބަސް ދުއްވި ޑްރައިވަރު ހައްޔަރުކޮށް ލައިސަންސް ހިފަހައްޓައި ފުލުހުންވަނީ އެމައްސަލަ ތަހްޤީގުކުރަމުންދާކަން ހާމަކޮށްފައެވެ. ނަމަވެސް ޑްރައިވަރު ބަންދުގައި ބަހައްޓައިގެން ވަކި މުއްދަތަކަށް ތަޙްޤީގު ކުރުމަށްފަހު ޑްރައިވަރު ވަނީ ބަންދުން ދޫކޮށްލާފައެވެ. ފުލުހުން އޭރު ބުނީ އޭނާ ދޫކޮށްލި ނަމަވެސް ތަހުގީގު ކުރިއަށްދާ ކަމަށެވެ.
އަންޖުމް މަރުވި އެކްސިޑެންޓުގެ ކުރިންވެސް އެމްޓީސީސީގެ ބަހަކުންޖެހި މިދިޔަ 2019 ވަނަ އަހަރުގެ ކުރީކޮޅުގެތެރޭގައި ފަތުރުވެރިއަކުވަނީ މަރުވެފައެވެ.
މިކަމާއި ގުޅިގެން އެސް.އޯ.އީ ކޮމިިޓީން އެކުލަވާލި ރިޕޯޓް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ 60 މެމްބަރުންގެ ވޯޓުން ސްކޮށްފައެވެ. އެސްއޯއީ ކޮމިޓީން ވަނީ އެމްޓީސީސީގެ ބަހަކާއި ސައިކަލް ޖެހިގެން ހިނގި ނުރައްކާތެރި އެކސިޑެންޓާއި ގުޅިގެން އެކަމަށް ފިޔަވަޅު އެޅުމަށްވެސް ފާސްކޮށްފަ އެވެ. މީގެތެރޭގައި އެމްޓީސީސީން ޚިދުމަތްދިނުމަށް ގެނެސްފައިވާ ބަދަލުތައް ދެނެގަނެ މޮނީިޓަރކޮށް، ޕާރފޯމަންސް ރިޕޯޓެއް، މިއަދުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެސްއޯއީ ކޮމިޓީއަށް ފޮނުވަން އެމްޓީސީސީން އަންގަންވެސް ފާސްކޮށްފައިވެއެވެ.