ޚަބަރު

ސިފައިންނާއި ގުޅޭގޮތުން ފަތުރަމުންދާ ޚަބަރުތައް ދޮގުކޮށްފި


ސިފައިންގެ މުއައްސަސާއާއި އެ މުއައްސަސާގެ ވެރިންނާއި ބެހޭގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ޚަބަރުތައް ޑިފެންސް މިނިސްޓްރީން ދޮގުކޮށްފިއެވެ. މިކަމާއި ގުޅިގެން  މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން މިރޭ ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފަހަކަށްއައިސް ސިފައިންގެ މުއައްސަސާއާއި އެ މުއައްސަސާގެ ވެރިންނާއި ބެހޭގޮތުން ސޯޝަލް މީޑިއާގައި ދޮގު ޚަބަރުތައް ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދަ ޚަބަރުތަކަކީ އެއްވެސް އަސާސެއްނެތި ސިފައިންގެ މުއައްސަސާއާއި އެމުއައްސަސާގެ ވެރިން ބަދުނާމުކުރުމުގެ މަޤްޞަދުގައި ކުރަމުންދާ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މިއީ، ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައި ޑިފެންސް މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ. މިފަދަ ކަންކަމަކީ ޤައުމީ ޚިދުމަތުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވުމަށް އަޒުމު ކަނޑައަޅައިގެން ރައްޔިތުންނާއި ޤައުމަށް ޚިދުމަތްކުރުމުގައި ސާބިތުކަމާއިއެކު މަސައްކަތް ކުރަމުންގެންދާ މުއައްސަސާ އަކާމެދު ނުތަނަވަސްކަމާއި ނަފުރަތު އުފައްދަން ކުރަމުންދާ މަސައްކަތެއް ކަމަށް ޤަބޫލުކުރާ ކަމަށާއި، އެފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށްވެސް ޑިފެންސް މިނިސްޓްރީއިން އިލްތިމާސް ކުރައްވާފައިވެއެވެ.