ވިޔަފާރި

އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ޢާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެސްޓީއޯއިން މިކަމާ ގުޅިގެން ނެރެފައިވާ އިޢުލާނުގައި ބުނެފައިވަނީ ކުރިއަށްއޮތް ދައުރު އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބްކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އަންނަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށެވެ.

އެސްޓީއޯއިން ބުނީ މަޤާމަށް ކުރިމަތިލާ ފަރާތަކީ ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭކަމަށެވެ.

ފޯމް ހުށަހަޅާ ފަރާތްތަކާއި ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން އިންޓަވިއުކުރާނެއެވެ. މިއިންޓަވިއުއިން ޝޯޓް ލިސްޓު ކުރާ ކެނޑިޑޭޓުންގެ ތެރެއިން މިމަގާމަށް އިންތިހާބު ކުރުމަށްޓަކައި އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާނެ ނަންތައް ކަނޑައަޅާނީ ޑިރެކްޓަރުންގެ ބޯޑުންނެވެ. މިގޮތުން ބޯޑުން ކަނޑައަޅާ ފަރާތްތަކުގެ މަޢުލޫމާތު، ކުންފުނީގެ ޕޮލިސީތަކާއި އެއްގޮތަށް އާންމު ކުރެވޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ ހިއްސާ ބެހިފައިވާ ގޮތުންނާއި އެސްޓީއޯގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބްކުރަންޖެހެނީ އެންމެ ޑިރެކްޓަރެކެވެ. އަދި ކުންފުނީގެ މައި ހިއްސާދާރުކަމުގައިވާ ސަރުކާރުން 6 ޑިރެކްޓަރުން އައްޔަން ކުރަން ޖެހެއެވެ.