ޚަބަރު

3 ދުވަސްތެރޭ އުސްފަސްގަނޑު ސަރަހައްދު ތައްޔާރުކޮށް ނިންމަނީ


މިނިވަން ދުވަހުގެ ރަސްމީ ދަރުބާރު ބާއްވާ އުސްފަސްގަނޑު ސަރަހައްދު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް 3 ދުވަސްތެރޭ ނިންމާލެވޭނެ ކަމަށް އެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ. އެ ސަރަހައްދުގެ މަސައްކަތްތައް ކުރިއަށް އޮތް 3 ދުވަހު ނިމޭއިރު، އުސްފަނޑަކީ ކުރިއާ ޚިލާފަށް ވަރަށް ފުރިހަމަ ސަރަހައްދަކަށް ވެގެންދާނެ ކަމަށް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަނުން ބުނެއެވެ.މިނިވަންދުވަހުގެ ރަސްމީ އިހްތިފާލްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ހަރަކާތަކީ މިނިވަން ދުވަހުގެ ރަސްމީ ހަފްލާއެވެ. ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވާ ފަރިއްކޮޅާއި އެކު ބާއްވާ މި ހަފްލާ އެހެން އަހަރު ތަކުގައި ކުރިއަށް ގެންގޮސްފައިވަނީ ދަރުބާރު ގޭގައެވެ. ނަމަވެސް މިފަހަރު ތަފާތު ވެގެންދާނެއެވެ. ފަރިއްކޮޅުގެ ބައި ދަރުބާރުގޭގައި އޮންނަ އިރު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ބައްދަލްކޮށްލެއްވުމާއި، ސަލާމް ކުރެއްވުމުގެ ބައި މިފަހަރު ކުރިއަށްދާނީ އުސްފަސްގަނޑުގައެވެ. ޖުލައި 26 ވަނަ ދުވަހުގެ ރޭ އުސް ފަސްގަނޑުގައި ބާއްވާ ހަފްލާއަކީ މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަގަދަ ހަފްލާއަށް ހެދުމަށް ރަމަޟާން މަހުގެ މެދު ތެރެއިން ފެށިގެން އެތަން ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މޯލްޑިވްސް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ކުރަމުންދާ މިމަސައްކަތްތަކުގެ ތެރެއިން ބިންގަނޑު ލެވެލް ކުރުމުގެ މަސައްކަތް ނިމިފައިވާއިރު، ޓެންޓްގެ މަސައްކަތްވެސް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. މިހާރު ކުރަމުންދަނީ ޓެންޓްގެ އިރުމަތިން، އުސްފަސްގަނޑުގެ މެދު ތެރޭގައި ހަދާ "ކޯލްޑް ހައުސް"ގެ މަސައްކަތްތެވެ. މިތަނަކީ ކެންޓީނެއްގެގޮތަށް ތަފާތު ވައްތަރުގެ ބުއިންތައް ލިބޭގޮތަށް ތައްޔާރު ކުރާތަނެކެވެ. "ކޯލްޑް ހައުސް" ހެދުމަށް ހަމެޖެހިފައިވާ ސަރަހައްދުގައި ތަޅުން އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން ވޯކްވޭ ހެދުމާއި، ސަރަހައްދު ޒީނަތްތެރި ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދެއެވެ. ޒީނަތްތެރި ކުރުމުގެ ގޮތުން 500 އަށްވުރެއްގިނަ ކުދި ރުއް އެ ސަރަހައްދުގައި އިންދުމުގެ މަސައްކަތާއި، ލައިޓިންގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރަމުންނެވެ.