ޚަބަރު

ކުރިމަގުގައި ރާއްޖޭގައި ފެންނާނީ ފްލޯޓިންގް އައިލެންޑް ކޮންސެޕްޓްގެ ތަރައްޤީ - ނަޝީދު


ކުރިމަގުގައި ރާއްޖޭގައި ފެންނާނީ ފްލޯޓިންގް އައިލެންޑް ކޮންސެޕްޓްގެ ތަރައްޤީކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު ވަނީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ބޮޑެތި ޕްލޭންތަކެއް ތައްޔާރުކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

މިމަހުގެ 25 ވަނަ ދުވަހު ބޭއްވި ރާއްޖޭގެ ފުރަތަމަ ކޮރަލް ފެސްޓިވަލްގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ މަޢުލޫމާތު މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ކުދިންނާއި ހިއްސާކުރައްވަމުން މި ހަރަކާތް އިންތިޒާމުކުރި މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ ޗެއަރ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މި ފެސްޓިވަލްގައި ދާއިރާގެ ތަޖުރިބާކާރުންނާއި ސިޔާސަތުތައް ތަންފީޒުކުރާ ފަރާތްތައް ގުޅިގެން މުހިންމު މަޝްވަރާތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. މި ބައްދަލުވުމުގައި މުރަކަ އާލާކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ތަރައްޤީ ގެނައުމުގައި ވެއްޓަށް ގެއްލުން ކުޑަގޮތަކަށް އަމަލުކުރެވޭނެގޮތްތަކާއި ގުޅެގޮތުން ގިނަ މަޝްވަރާތަކެއް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ފެސްޓިވަލްގައި ރާއްޖެއާއި ރާއްޖެއިން ބޭރުން 60 އަށް ވުރެ ގިނަ ތަޖުރިބާކާރުން އައިސް މަޝްވަރާކޮށްފައިވާއިރު، ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވަނީ ކުރިމަގުގައި ރާއްޖޭގައި ފެންނާނީ ފްލޯޓިންގް އައިލެންޑް ކޮންސެޕްޓްގެ ދަށުން ތަރައްޤީ ގެންނަތަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މޫދުގެ މަތީގައި އޮންނަ ގެ ނުވަތަ ފްލޯޓިން ހައުސްތަކާއި، ފްލޯޓިންގް ސޯލާ ޕެނަލްތައް ބޭނުންކޮށްގެން ކާބަން އެމިޝަން ކުޑަކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދުވަނީ، މިހާރު ރާއްޖޭގެ ވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ނިސްބަތުން ކުދި މަޝްރޫޢުތައް ކަމަށްވާއިރު، މިހާރު މި މަޝްރޫޢުތައް ފުޅާކުރަންޖެހިފައިވާކަން ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެންނަށް މިހާރު ރާއްޖޭގައި މިފެންނަނީ ނިސްބަތުން ކުދި މަސައްކަތްތަކެއް މިކަމަށް ކުރެވޭތަން. އަޅުގަނޑުމެން މިކަންކަން ސްކޭލް އަޕްކުރާނީ. ކުރިމަގުގައި ރާއްޖޭގައި ފެންނާނީ ފްލޯޓިންގް އައިލެންޑް ކޮންސެޕްޓްގެ ތަރައްޤީ. ފްލޯޓިން ހައުސްތަކާއި، ފްލޯޓިންގް ސޯލާ ޕެނަލްތައް ތަރައްޤީކުރުމަށް އަޅުގަނޑުމެން އަމާޒު ހިފާފައިވަނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި "ކޮރަލް ފެސްޓިވަލް"ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އާއި ކެބިނެޓްގެ ވަޒީރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކ.ތުލުސްދޫގައި ބޭއްވި މި ފެސްޓިވަލަކީ ކަނޑުތަކާއި ފަރުތަކުގެ ދިރުންތަކާމެދު މީހުން ހޭލުންތެރިކޮށް، އެތަންތަން ރައްކާތެރިކުރުމަށް ފަރުދީ ގޮތުން ކުރެވޭނެ ކަންކަމަށް އަހުލުވެރިކުރަން ބޭއްވި 1 ދުވަހުގެ ފެސްޓިވަލެކެވެ. އަދި ރާއްޖޭގެ ކަނޑު ފަޅުގެ ރީތިކަމާއި، ކަނޑުގެ ދިރުންތަކާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް މި ފެސްޓިވަލްގައި ވަނީ ބާއްވާފައެވެ.