ޚަބަރު

ފަތުހުﷲއަށް ބަދަލެއްގެ ގޮތުގައި 2 ލައްކައަށްވުރެ ގިނަ ރުފިޔާ!


ރައީސް ޔާމީންގެ ވެރިކަމުގައި 2015ވަނަ އަހަރު ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަޤާމަށް ހޮވުނު ފަތުޙުﷲ އިސްމާޢީލަށް މަޤާމު ޙަވާލުނުކޮށް، ފާއިތުވެދިޔަ މުއްދަތުގެ ތެރޭގައި ބަދަލުގެ ގޮތުގައި ދެލައްކަ ހަތްދިހަ ހާހަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލްސަރވިސް ކޮމިޝަނުގެ މައްޗަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ހައުސިން މިނިސްޓްރީގެ ޕީއެސްގެ މަޤާމަށް 2015ވަނަ އަހަރު ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުން ތެރެއިން އެމަޤާމަށް އެންމެ މަތިން މާކްސް ލިބިފައިވަނީ ފަތުޙުﷲ އިސްމާޢީލަށެވެ. މިކަމަށްހުޅުވާލައި ކުރި އިޢުލާނާ ގުޅިގެން ފަތުހުﷲ އެމަޤާމަށް ކުރިމަތިލައި، ވަޒީފާއަށް ހޮވުނުކަން އަންގައި، ސިވިލްސާވިސް ކޮމިޝަންގެ އެދުމުގެމަތީން އޭނާ އޭރު އަދާކުރަމުންދިޔަ ވަޒީފާތައް ދޫކޮށްލާފައިވާކަމަށްވެސް ސިވިލްކޯޓުގެ ޤަޒިއްޔާގައި ބަޔާންކޮށްފައިވެއެވެ.

މިމަޤާމު ފަތުހުﷲ ހަވާލުވުމަށްޓަކައި ކުރިން ވަޒީފާ އަދާކުރައްވަމުންދިޔަ ސާކް ކޯސްޓަލް ޒޯން މެނޭޖް މަންޓުސެންޓަރުގައި އަދާކުރަމުންދިޔަ ވަޒީފާއިން 05 ފެބުރުއަރީ 2015 އިން ފެށިގެން ވަކިވެފައިވާކަން 3 ފެބުރުއަރީ 2015 ވަނަ ދުވަހު ސިވިލް ސަރވިސް ކޮމިޝަނަށް އޭނާ އަންގާފައިވާކަން ހައިކޯޓުގެ ޤަޒީއްޔާގައި ބަޔާންކޮށްފައިވޭ.

ވަޒީފާ ހަމަޖެހިފައިވާކަން އެންގުމަށްފަހު އޭނާއާ ގުޅޭގޮތޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާއިބެހޭ ކޮމިޓީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށްބުނެ މިއަދާ ހަމައަށްވެސް އޭނާ ވަޒީފާއަށް ނެރެފައި ނުވެއެވެ.

ސިވިލްސާވިސް ކޮމިޝަންގެ ޤާނޫނުން ސިވިލްސާވިސް މުވައްޒިފުން ވަކިކުރުމާއި، ވަޒީފާ ދިނުމުގެ ފުރިހަމަ އިޚްތިޔާރު އޮންނަކީ ސިވިލްސާވިސް ކޮމިޝަނަށް ކަމުގައި ބަޔާންކޮށްފައިވާއިރު، ސިވިލްސާވިސް ކޮމިޝަނުން މިމައްސަލާގައި އިހުމާލުވެފައިވާކަން ސިވިލް ކޯޓުގެ ޙުކުމުގައިވަނީ ފާހަގަކޮށްފައެވެ.

ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ފަތުހުﷲ ވިދާޅުވީ އޭނާއަށް ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީގެ މަޤާމު ހަމަޖެހުނުކަން އެގުމުން، އޭރުގެ ހައިސުން މިނިސްޓަރު ޑރ.މުޙައްމަދު މުއިއްޒު ގުޅުއްވިކަމަށެވެ. އަދި މަޤާމު ހަމަޖެހުނުކަމުގައި ވީނަމަވެސް ވަޒީފާއަށް ނިކުތުމުގެ ފުރުސަތު ނުދެއްވާނެކަމަށް ޑރ.މުޢިއްޒު ވިދާޅުވެފައިވާކަމަށް ފަތުހުﷲ ވިދާޅުވިއެވެ. އަދި ވަޒީފާއަށް ނިކުމެއްޖެނަމަ މަސައްކަތް ކުރާނެ އެއްވެސް މާހައުލެއްވެސް ހަމަޖައްސައި ނުދެއްވާނެކަމަށް އޭރުގެ ހައުސިން މިނިސްޓަރ ވިދާޅުވިކަމަށްވެސް ފަތުހުއްﷲ ވިދާޅުވިއެވެ.