ޚަބަރު

މިލިޔަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ހޯދަން، ކުރީގެ ނައިބުރައީސް ޖިހާދުގެ މައްޗަށް ދަޢުވާކޮށްފި


ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދު ދައުލަތުން ނުޙައްޤު މުއްސަދިކަން ހޯދާފައިވާތީ މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ބަދަލު ހޯދަން ދައުލަތުން ދަޢުވާކޮށްފިއެވެ.

ބަދަލު ހޯދުމަށް ދައުލަތުން ދައުވާކުރުމަށް ނިންމާފައިވާ މައްސަލަޔަކީ ޖިހާދު ހިމެނިވަޑައިގެންނެވި ރިޔާސީ ދައުރު ހަމަވުމަށްފަހުވެސް، އެމަނިކުފާނު ދިރިއުޅުއްވުމަށް ދައުލަތުން ކުރިން ހަމަޖައްސަވައިދެއްވާފައި ހުރި ރެހެންދި ފްލެޓުގެ އެޕާޓްމަންޓު ދޫކޮށް ނުލައްވައި ބޭނުންކުރައްވާފައިވާ މައްސަލާގައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނުގެ ދަށުން ނިމިދިޔަ ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ގޮތުގައި ހުންނެވި ޢަބްދުﷲ ޖިހާދު ދިރިއުޅުއްވުމަށް ދައުލަތުގެ ފަރާތުން "ރެހެންދި 3" ގެ ދެފްލެޓް ދީފައިވެއެވެ. ރިޔާސީ ދައުރު ހަމަވުމަށްފަހު، އެތަން ހުސްކުރަން ދައުލަތުން އެންގުމުންވެސް އެތަން ހުސްނުކޮށް، ޤާނޫނީ ހައިޞިއްޔަތެއް ނެތި 1 އަހަރާއި 3 މަސް ވަންދެން އޭނާ ގެންދެވީ އެތަން ބޭނުން ކުރައްވަމު ކަމުގައި އޭޖީ އޮފީހުން ވިދާޅުވެއެވެ. އަދި އޭނާ އެތަން ދޫކޮށްލެއްވީ 17 ފެބްރުވަރީ 2020 ގައިކަމަށްވެސް އޭޖީ އޮފީހުން ވިދާޅުވެއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވީ ޤާނޫނީ ހައިޞިއްޔަތެއްނެތި ޢަބްދުﷲ ޖިހާދު ދައުލަތުގެ މުދަލެއް ބޭނުންކޮށްފައިވާ މުއްދަތަށް އޭނާގެ ކިބައިން ކުލި ހޯދުމުގެ ޙައްޤު ދައުލަތަށް ލިބިގެންވާކަމަށް ކަނޑައަޅައިދީ، ނުޙައްޤު މުއްސަނދިކަން ހޯދާފައިވާތީ، ޖިހާދު ބޭނުންކުރަމުންދިޔަ އެޕާ އެތަނުގެ ކުއްޔާއި މެއިންޓެނަންސް ފީ އާއި ޔުޓިލިޓީ ފީސްގެ ގޮތުގައި ޖުމްލަ އެއްމިލިއަން އެއްލައްކަ ނުވަހާސް ދުވިސައްތަ ހަތާވީސް ރުފިޔާ ތިރީސް ހަ ލާރި ދައުލަތަށް އެކީ އެއްފަހަރާ ހޯދުމަށް ސިވިލް ކޯޓަށް މިއަދު ދައުވާ އުފުލާފައިވާކަމަށެވެ.

އަމިއްލަ ފަރާތްތަކުން ޢިމާރާތްކުރި ރެހެންދި ފްލެޓުގެ ދެޢިމާރާތުން ސަރުކާރަށް 10 އެޕާޓްމަންޓު ލިބުނުއިރު، އެތަނުން 8 އެޕާޓްމަންޓު މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ވިއްކުމަށްފަހު، ބާކީވި ދެ އެޕާޓްމަންޓު ވަނީ 2016ވަނައަހަރު އޭރުގެ ނާއިބުރައީސް ޖިހާދު ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެގޮތުގައި ހަމަޖައްސަވާފައެވެ. ރާއްޖޭގެ ނާއިބުރައީސްކަމުގެ މަޤާމަށް ޢަބްދުﷲ ޖިހާދު ޢައްޔަން ކުރައްވާފައިވަނީ ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު މަގާމުން ވަކިކުރެއްވުމަށްފަހު އެމަޤާމު ހުސްކޮށް އޮންނަތާ 8 މަސްދުވަސް ފަހުން 22 ޖޫން 2016ގައެވެ.