ވިޔަފާރި

ކުންފުނިތަކުގެ އަހަރީ ފީ ދެއްކުމަށް ހަނދާންކޮށްދީފި


ޤާނޫނުގައިވާ ގޮތުން ކުންފުނިތަކުން ކޮންމެ އަހަރަކު ދައްކަންޖެހޭ އަހަރީ އަންނަ މަސް ނިމުމުގެ ކުރިން ދެއްކުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކުންވެސް، އެ ޤާނޫނުގައި ބަޔާންކުރާ އަހަރީ ފީ، ކޮންމެ އަހަރެއްގެ މާޗް މަސް ނިމުމުގެ ކުރިން ދައްކަންވާނެޖެހޭނެކަމަށެވެ.

ޤާނޫނުގައިވާ ގޮތުން ޕްރައިވެޓް ކުންފުންޏެއްނަމަ އަހަރީ ފީގެ ގޮތުގައި 2000 ރުފިޔާ އަދި ޕަބްލިކް ކުންފުންޏެއްނަމަ އަހަރީ ފީގެ ގޮތުގައި 10000 ރުފިޔާ ދައްކަންޖެހެއެވެ. އަދި މާރޗް މަހުގެ ނިޔަލަށް އަހަރީ ފީ ނުދައްކައިފިނަމަ، އޭޕްރިލް މަހުގެ ތެރޭގައި ފީ ބަލައިގަނެވޭނީ 1000 ރުފިޔާގެ ޖޫރިމަނާއަކާއެކުއެވެ. އަދި އޭޕްރިލް މަހުގެ ނިޔަލަށް ފީ ނުދައްކައިފިނަމަ، މެއި މަހުގެ ތެރޭގައި ފީ ބަލައިގަންނާނީ 2500 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައިކަމަށް ޤާނޫނުގައި ބަޔާންކުރެއެވެ.

ވީމާ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުން، ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އަހަރީ ފީ ދެއްކުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކުރެއެވެ. އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ކުންފުނިތަކުގެ އަހަރީ ފީ ބަލައިގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއިންކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މޭ މަސް ނިމުމުގެ ކުރިން އަހަރީ ފީ ނުދައްކާ ކުންފުނިތަކާމެދު ޤަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.