އަތޮޅުތައް

ތުރާކުނު ޒުވާނުންނަށް ދިރިއުޅުމުގެ ހުނަރު ދަސްކޮށްދިނުމާ ބެހޭ ތަމްރީން ދީފި


ދިރިއުޅުމުގެ ހުނަރު ދަސްކޮށްދިނުމާ ބެހޭ ތަމްރީން ޕްރޮގްރާމެއް ހއ. ތުރާކުނުގައި ހިންގައިފިއެވެ.

މިޕްރޮގާމަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ހއ. ތުރާކުނު ކައުންސިލް ގުޅިގެން، ޒުވާނުންނަށް އަމާޒު ކޮށް ހިންގި ޕްރޮގާމެކެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ޒުވާނުން ހެދުމާއި، ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ދިމާވާ ގޮންޖެހުންތަކަށް ތައްޔާރުވުމާއި، ޒިންމާދާރު ބަޔަކަށް ހެދުމެވެ.

މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާފައިވަނީ މި ދާއިރާއިން ޚާއްސަ ތަމްރީން ލިބިވަޑައިގެން ތިއްބެވި ފަންނީ ބޭފުޅުންނެވެ. މި ޕްރޮގްރާމްގައި ބައިވެރިވި 33 ބައިވެރިންގެ ތެރެއިން، ވަޒީފާގައި ނޫޅޭ ޒުވާނުންނަށް ތަޢުލީމާއި ތަމްރީން ބޭނުންވާ ދާއިރާތައް ފާހަގަކޮށް އެފަރާތްތަކަށް ކުރިއަށް ދެވޭނެ މަގު ފަހިކުރެވިފައި ވާކަމަށް ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިން ވަނީ ހާމަ ކޮށްފައެވެ.

އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމްގައި ޚާއްސަ އެހީއަށް ބޭނުންވާ ބައެއް ފަރާތްތައްވެސް ބައިވެރިވެ ތަމްރީން ފުރިހަމަކޮށްފައި ވާކަމަށް ތުރާކުނު ކައުންސިލް އިދާރާއިން ބުނެއެވެ.