ޚަބަރު

ޒީރޯ ޕްލާސްޓިކް ރަން 2020: އަމާޒަކީ ޕްލާސްޓިކާއި ދެކޮޅަށް އުފުލާ އަޑު ގަދަކުރުން


ޒީރޯ ޕްލާސްޓިކް ރަން 2020 ގެ އަމާޒަކީ މިދިޔަ އަހަރުގެ ރަންއަށް ވުރެ ގިނަ ބައިވެރިންނާއެކު، ޕްލާސްޓިކްއާއި ދެކޮޅަށް އުފުލާ އަޑު، ގަދަކުރުންކަމަށް ރަން އިންތިޒާމުކުރާ އިންސައިޓް ކޮންސަލްޓެންސީ ސަރވިސަސް، އައިސީއެސްއިން ބުނެފިއެވެ.

"ޒީރޯ ޕްލާސްޓިކް ރަން 2020" ފެށުމަށް ހަމަޖެހިފައިވަނީ، އަންނަ ހުކުރު ދުވަހުގެ ހެނދުނު 7 ޖަހާއިރު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

އިންސައިޓް ކޮންސަލްޓެންސީ ސަރވިސަސް، އައިސީއެސްއިން ބާއްވާ "ޒީރޯ ޕްލާސްޓިކް ރަން"އަކީ އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް މަދުކުރުމަށް ކުރާ މަސައްކަތުގެ މިސާލުދައްކުވައިދޭ ޙަރަކާތެކެވެ.

އަންނަ ހުކުރު ދުވަހު ހެނދުނު ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުން ފެށުމަށް ހަމަޖެހިފައިވާ މިޙަރަކާތުގެ ތައްޔާރީގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްސާކުރަމުން ޒީރޯ ޕްލާސްޓިކް ރަންގެ އެމްބެސެޑަރ، މަޝްހޫރު ދުވުންތެރިޔާ ފަރްހާން މުޙައްމަދު ބުނީ، މި ޙަރަކާތަކީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާއި ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

ފަސް ކިލޯ މީޓަރުގެ މިދުވުމުގައި ދުވާ ޓްރެކްގެ އެކި ސަރަހައްދުތަކުގައި ޕްލާސްޓިކް ކަލެކްޝަން ޕޮއިންޓްތައް ޤާއިމުކޮށް އެއްފަހަރު ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް މަދުކުރުމަށް ނިންމާފައިވާކަން ފަރުހާން ފާހަގަކުރިއެވެ.

ފަރުހާން ބުނީ "ޒީރޯ ޕްލާސްޓިކް ރަން"އަކީ އެއްފަހަރު ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް މަދުކުރުމަށް ކުރާ މަސައްކަތުގެ މިސާލުދައްކުވައިދޭ ހަރަކާތަކަށް ހަދާނެކަމަށެވެ. މިޙަރަކާތުން އެއްކުރާ ޕްލާސްޓިކް ރާއްޖޭގައި ރިސައިކަލްކުރުމުގެ މަސައްކަތްކުރާ ޕާލޭ މޯލްޑިވްސްއަށް ހަވާލުކޮށް ރިސައިކަލްކުރުމަށް ހަމަޖެހިފައިވާކަން ފަރުހާން ފާހަގަކުރިއެވެ.

"ފަސް ކިލޯމީޓަރުގެ މިދުވުމުގައި ކޮންމެ އުމުރުފުރާއެއްގެ މީހަކަށްވެސް ބައިވެރިވެވޭއިރު، މިދުވުމުގެ އެކި ހިސާބުތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް ކަލެކްޝަން ޕޮއިންޓްތަކެއްވެސް ބަހައްޓާފައިވާނެ. މި ހަރަކާތަށް އަންނައިރު ސާފުކޮށްފައިވާ ޕްލާސްޓިކްވެސް އަޅުގަނޑުމެން ބަލައިގަންނާނަން." ފަރުހާން ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ރަންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގެންފައިވާއިރު، މި ދުވުމުގައި އެކަނިވެސް 742.8 ކިލޯގެ ޕްލާސްޓިކް އަދި ތިމާވެށްޓަށް ގެއްލުންދޭ ކުނި ވަނީ އެއްކޮށްފައެވެ. މި އަހަރުގެ އަމާޒަކީ މިދިޔަ އަހަރުގެ ރަންއަށް ވުރެ ގިނަ ބައިވެރިންނާއެކު، ޕްލާސްޓިކާއި ދެކޮޅަށް އުފުލާ އަޑު ގަދަކުރުންކަމަށް ފަރުހާން ބުނެފައިވެއެވެ.

"އަޅުގަނޑުމެންނަށް ގިނަ ޕްލާސްޓިކް އެއްކުރުން އަމާޒަކަށް ހެދިނަމަވެސް، މި ހަރަކާތުގައި އެއްކުރެވޭ ޕްލާސްޓިކްގެ އަދަދު މަދުވުމަކީވެސް ކާމިޔާބީއެއް އެހެންނޫންތޯ. އެއީ ބިހޭވިއަރަލް ޗޭންޖް. އެކަމުން ކުރާ ފައިދާ ބޮޑު ވާނެ." ފަރުހާން ހާމަކުރިއެވެ.

މި ސަރުކާރުންވެސް ވަނީ އެއްފަހަރު ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކާ ދެކޮޅަށް ޚާއްސަ ކެމްޕޭނެއް ފަށާފައެވެ. އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ރައީސް އޮފީހާއި ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކުން މިހާރު ވަނީ ހުއްޓާލާފައެވެ.