އަތޮޅުތައް

ލ.ގާދޫ މީހުން ފޮނަދޫއަށް ބަދަލުކުރަނީ


ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ލ. ގާދޫ މީހުން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އެއަތޮޅު ފޮނަދޫއަށް ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައިފިއެވެ.ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ލ.ގާދޫ މީހުން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ލ. ފޮނަދޫގައި ހަދަމުންދާ ގެތަކަށް ކަމަށެވެ. ގާދޫ މީހުންނަށް ޚާއްސަކޮށްގެން ފޮނަދޫގައި މިހާރު އިމާރާތްކުރަމުންދާ 85 ގޭގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި, ގެތަކަށް ކަރަންޓާއި ނަރުދަމާލުމަށް މިހާރު ޙަވާލުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ގެތަކުގެ މަސައްކަތް ނިމުމާއެކު ގާދޫ ރައްޔިތުން ފޮނަދޫއަށް ބަދަލުކުރުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.ގާދޫގައި އުޅެނީ 427 މީހުންއެވެ. ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ލ.ގާދޫއަކީ މީހުން ބަދަލުކުރާ ރަށެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވާތީ، އެރަށުގައި ހުރި ގޯތި ގެދޮރާއި، ގޯތި ގެދޮރުގައި ކޮށްފައިވާ އުމްރާނީ މަސައްކަތްތަކާއި ގުޅޭ ދިރާސާއެއް މިނިސްޓްރީން ވަނީ ހަދާފައިއެވެ. އަދި އެރަށުން ގޯތި ދޫކުރުމާއި، ބެހުމާއި ވިއްކުން ފަދަ މުއާމަލާތެއް ނުކުރުމަށް ހައުސިންގ މިނިސްޓްރީން ވަނީ އަންގާފައެވެ.މީގެ އިތުރުން ހއ. މޮޅަދޫއަކީވެސް ކުޑަ އާބާދީއެއް ދިރިއުޅޭ ރަށަކަށްވުމާއެކެ، އެރަށުންވެސް މީހުން ބަދަލުކުރުމާއި ގުޅޭ ގޮތުން ރަށުގެ ކައުންސިލާއި ރައްޔިތުންނާއި ވާހަކަދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއްވާފައިވެއެވެ.