ވިޔަފާރި

އައިލެންޑް އޭވިއޭޝަންގެ ޚަރަދުތައް ކުޑަކުރަންޖެހޭ!


ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަންގެ ޚަރަދުތައް ބޮޑުވެ ކުންފުންޏަށް ލިބޭ އާމްދަނީ ދަށްވަމުންދާކަމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ އެދުމުގެ މަތިން އޮޑިޓަރ ޖެނަރަލްގެ އޮފީހުން ތައްޔާރުކުރި ޚާއްސަ ރިޕޯޓުގައި އައިލެންޑް އޭވިއޭޝަންގެ ޚަރަދު އަހަރުން އަހަރަށް އިތުރުވަމުންދާކަމަށާއި ކުންފުނިީގެ ހިންގުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ޚަރަދުތައް ކުޑަކުރަންޖެހޭކަމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން ވަނީ ލަފާދެއްވާފައެވެ.

އޮޑިޓަރ ޖެނަރަލްގެ އޮފީހުން ތައްޔާރުކުރި އައިލެންޑް އޭވިއޭޝަންގެ ޖެނުއަރީ 2018 އިން 30 ޖޫން 2019 ގެ ޚާއްސަ އޮޑިޓާ ގުޅޭ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން ވަނީ ޙިއްސާކުރައްވާފައެވެ.

އޮޑިޓަރ ޖެނަރަލްގެ އޮފީހުން މަޖިލީހަށް ހިއްސާކުރެއްވި މަޢުލޫމާތުން އެނގިގެންދިޔައީ އޮޑިޓްކުރި މުއްދަތުގެ ތެރޭގައި އައިލެންޑް އޭވިއޭޝަންގެ ޚަރަދު އެންމެ ބޮޑުވެފައި ވަނީ މުވައްޒަފުންގެ މުސާރައަށްކަމަށެވެ. އެގޮތުން ކޮންމެ މަހަކު 20 އާއި 30 އާއި ދޭތެރޭގެ އަދަދެއްގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދޭކަމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވެއެވެ. އަދި 2018 ވަނަ އަހަރު ކުންފުނީގެ މެނޭޖްމަންޓް ބަދަލުވުމަށްފަހު ވެސް 135 މުވައްޒަފަކަށް ޕްރޮމޯޝަންދީ، އިތުރު 169 މުވައްޒަފުން ކުންފުނިން ވަޒީފާ ދީފައިވާކަން އޮޑިޓަރ ޖެނަރަލްގެ ރިޕޯޓުން ހާމަވެއެވެ.

އޮޑިޓަރ ޖެނަރަލްގެ ރިޕޯޓުގައި އައިލެންޑް އޭވިއޭޝަނަށް އެއްފަހަރާއި ގިނަ ޢަދަދަކަށް މުވައްޒަފުން ނަގާފައިވާއިރު ކުންފުނީގެ މަސައްކަތްތައް އިތުރުވެފައިނުވާކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި އިތުރުވެފައިވަނީ އެންމެ 19 ފްލައިޓް އޮޕަރޭޝަނާއި 62 ފަސިންޖަރުންކަމުން ކުންފުންޏަށް އިތުރު މުވައްޒަފުން ނެގުމުގެ ބޭނުމެއް ނުފެންނަކަމަށް އޮޑިޓަރ ޖެނަރަލްގެ ރިޕޯޓުގައިވެއެވެ.

ކުންފުނީގެ މުވައްޒަފުން ޕްރޮމޯޓުކުރުމާއި އިތުރު މުވައްޒަފުން ވެއްދުމުގެ އިތުރުން މި މުއްދަތުގައި އައިލެންޑް އޭވިއޭޝަންގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރަ ބޮޑުކޮށްފައިވާކަންވެސް މަޖިލީހުގެ ކޮމިޓީގައި އޮޑިޓަރ ޖެނަރަލްގެ އޮފީހުން ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީމަހު ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މުސާރަ ބޮޑުކުރިކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

މެނޭޖިންގ ޑިރެކްޓަރުގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ކުރިން ދެމުންދިޔަ 52500 ރުފިޔާ 81950 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މުސާރަ ވަނީ 45400 ރުފިޔާއިން 71199 ރުފިޔާއަށް ބޮޑުކޮށްފައެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މުސާރަ 67630 ރުފިޔާއަށް ކުޑަކޮށްފައެވެ.

އައިލެންޑް އޭވިއޭޝަންގެ ހިންގުމުގެ ޚަރަދުގެ އިތުރުން 2019 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ކުންފުނީގެ އާމްދަނީ ދަށްވެފައިވާކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް މިއީ 5 އަހަރުގެ ތެރޭ އެކުންފުނީގެ އާމްދަނީ ދަށްވި ފުރަތަމަ ފަހަރެވެ. އައިލެންޑް އޭވިއޭޝަންއިން ބުނެފައިވަނީ 2019 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީ ދަށްވިނަމަވެސް މުޅި އަހަރުގެ އާމްދަނީ އިތުރުވާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. އަދި 2019 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރު ކުންފުންޏަށް ލިބޭ އާމްދަނީ 17 އިންސައްތަ އިތުރުވާނެކަމަށްވެސް އައިލެންޑް އޭވިއޭޝަންއިން ލަފާކުރެއެވެ.