ޚަބަރު

ރަށްތައް ތަރައްޤީކުރުމުގެ ބާރު މިހާރު އޮތީ އެރަށެއްގެ ރައްޔިތުންގެ އަތްމަތީގައި - އެލްޖީއޭ


ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކާއެކު ރަށްރަށް އިޤްތިޞާދީގޮތުން ކުރިއަރައި، ތަރައްޤީކުރުމުގެ ފުރުސަތު ރަށުކައުންސިލްތަކަށް ލިބިފައިވާކަމަށް އެލްޖީއޭގެ ސެކްރެޓަރީ ޖެނަރަލް އާދަމް ޝަރީފް އަހުމަދު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކާ ގުޅޭގޮތުން ޕީއެސްއެމްއިން ގެނެސްދޭ "ރަށުބާރު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އެލްޖީއޭގެ ސެކެރެޓަރީ ޖެނެރަލް ވިދާޅުވީ ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކާއެކު ރަށްރަށް ތަރައްޤީކުރުމުގެ ފުރިހަމަ އިޚްތިޔާރު ކައުންސިލްތަކަށް ދޫކޮށްލާފައިވާކަމަށެވެެ.

ޤާނޫނުގެ ތެރެއިން ރަށްރަށުގެ އިޚްތިޞާސް ކަނޑައެޅި، ކައުންސިލްތަކަށް ބޭނުންވާ ބަޖެޓާއި، ރަށުންލިބޭ ޢާމްދަނީވެސް ކައުންސިލްތަކަށް ލިބޭނެގޮތަކަށް ފަހިކޮށްފައިވާކަމަށެވެ. ކައުންސިލްތަކުން އަމިއްލަޔަށް އިންވެސްޓްކޮށް އެއިން މަންފާ ހޯދުމުގެ ފުރުސަތުވެސް ތަނަވަސްކޮށްދީފައިވާކަމަށެވެ. މިބަދަލުތަކާއެކު ކައުންސިލްތަކުން ރަށްރަށުގެ ތަރައްޤީ ގެނައުމުގައި އަމިއްލަ ބާރާއި އިޚްތިޔާރު ލިބިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަށްރަށުގެ ފުދުންތެރިކަން އިތުރުކޮށް ރަށަށް ތަރައްޤީ ގެނެވޭނީ އެކަމަށް ޤާބިލް ތައުލީމީ ބޭފުޅުން އިންތިޚާބްކޮށްގެންކަމަށެވެ. ޤާނޫނުގެ ތެރެއިން ކިތަންމެ ގިނަ ފުރުސަތުތަކަކާއި، ބާރުތައް ރަށްރަށަށް ދޫކޮށްލި ކަމުގައިވީނަމަވެސް އެކަން ކުރަންތިބޭ ފަރާތްތަކަކީ އެކަމަށް ފަރިތަ އަދި ކަންކުރުމުގެ ވިސްނުން ތިބިބަޔަކަށް ވާންޖެހޭކަމަށެވެ. އެހެން ނޫންނަމަ ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ކުރިއަށް ނުދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

"ޤާނޫނުގެ ތެރެއިން ރަށްރަށުގެ އިޤްތިޞާދު ޚަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދޭ. އާންމު ރައްޔިތުންގެ ފުރުދުންތެރިކަމާއި، ރަށް ތަރައްޤީ ކުރުމުގެ ބާރު ރަށްރަށުގެ ރަށްރަށުގެ ރައްޔިތުންނަށް ލިބިގެން މިދަނީ. މީގެ ބޭނުންކުރެވޭނީ މިކަމަށް ޤާބިލް ބަޔަކު އިންތިޚާބްކޮށްގެން. ޤާނޫނަށް ބަދަލުގެނެސް ބާރުދިނަސް މިކަންކަން ކުރެވޭނީ ކުރެވޭ ވަރުގެ ބަޔަކު އިންތިޚާބްކޮށްގެން" އާދަމް ޝަރީފް ވިދާޅުވިއެވެ.

ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނަމޫނާ ކައުންސިލްތަކުގެ ތެރޭގައި ހިމެނޭ އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް ވިދާޅުވީ ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކާއިއެކު ކައުންސިލްތަކުގެ ފުދުންތެރިކަން އިތުރުވެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ލިބިގެން ގޮސްފައިވާކަމަށެވެ.

މިބަދަލާއިއެކު ރަށްރަށުގެ ކައުންސިލްތަކުން މީގެކުރިން ކުރަމުންދިޔަ ޝަކުވާތައް ހުއްޓި ތަރައްޤީގެ ކަންކަމުގައި މައިސަރުކާރަށް ބަރޯސާވުން ކުޑަވެގެންދާނެކަމަށެވެ. އަދި މިއީ ރަށްރަށުގެ ރައްޔިތުން ބޭނުންވާގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ގެންނެވި ވަރަށް އެދެވޭ ބަދަލެއްކަމުގައި އާތިފް ވިދާޅުވިއެވެ.

"މިހާރު އެއްވެސް ކައުންސިލަކަށް ޝަކުވާ ކުރުމުގެ ފުރުސަތެއް ނެތް. ބަނދަރު ނެހެދެނީއޭ، ތޮށިގަނޑު ވެއްޓެނީއޭ. މަގު ނެހެދީއޭ. މިޝަކުވާތައް ނިމުމަކަށް މިއައީ. ޤާނޫނެގ ތެރެއިން މިއޮތީ މިކަން ކުރުމުގެ ބާރާއި އިޚްތިޔާރު ދީފަ. ބަޖެޓް އެއޮތީދީފަ. ދެން ޝަކުވާ ކުރެވޭނެ ފުރުސަތެއްނެތް." އާތިފް ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާއިއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޤާނޫނު ތަސްދީޤްކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުއެވެ. ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކާއިއެކު ކައުންސިލްތައް ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތްތައް އިންތިޚާބްކުރުމަށް ބާއްވާ ކައުންސިލް އިންތިޚާބް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 4ވަނަ ދުވަހުއެވެ.