ޚަބަރު

ވެރިފަރާތުން ޙަވާލުނުވާ ކަނޑު އުޅަނދުތައް ނައްތާލަނީ


ޤަވާއިދާ ޚިލާފަށް ފަޅުތެރޭގައި އަޅާފައިވާ ކަނޑު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ހަވާލުނުވާ އުޅަނދުތައް ޤަވާއިދުގައިވާ ގޮތުގެ މަތިން ނައްތާލާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

"މާލެއާއި ވިލިނގިލީގެ ފަޅު ބެލެހެއްޓުމުގެ ޤަވާއިދު"ގެ ދަށުން ޤަވާއިދާ ޚިލާފަށް ފަޅުތެރޭގައި އެޅުމަށްފަހު އަޅާނުލާ ދޫކޮށްލާފައިވާ އުޅަނދުތައް ސިޓީ ކައުންސިލުން ނަގަން ފަށާފައިވަނީ މިދިޔަމަހުއެވެ.

މާލެ ފަޅުތެރޭގައި ބޭނުން ނުކޮށް ގިނަ ދުވަސްވަންދެއް އަޅާފައިވާ ހުންނަ ކަނޑު އުޅަނދުތައް ނެގުމުގެ މަސައްކަތަކީ މާލޭގެ ފަޅުތެރެ ސާފުކޮށް، މާލޭގެ ބަނދަރަކީ ޤަވާއިދުގެ ތެރެއިން ބޭނުންކުރާ ތަނަކަށް ހެދުމަށް ސިޓީ ކައުންސިލުންކުރާ މަސައްކަތުގެ ދަށުން ފެށި މަސައްކަތަކެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހު ފެށި މި މަސައްކަތުގެ ތެރެއިން ސިޓީ ކައުންސިލުން ވަނީ މިގޮތަށް ފަޅުތެރޭގައި އަޅާފައިވާ 27 އުޅަނދެއް ނަގާ ތިލަފުށީގައި ޓޯ-ކޮށްފައެވެ.

ސިޓީކައުންސިލުން މި އުޅަނދުތައް ނަގާފައިވަނީ އުޅަނދުތައް ފަޅުތެރެއިން ނެގުމަށް އުޅަނދުތަކުގެ ވެރިންނަށް ވަކި މުއްދަތެއް ދިނުމަށްފަހުއެވެ. އެމުއްދަތުގެ ތެރޭގައި ނުނަގާ އޮތް 27 އުޅަނދު ސިޓީ ކައުންސިލުން ނަގައި، އުޅަނދުތަކާއި ހަވާލުވުމަށް އުޅަނދުތަކުގެ ވެރިންނަށް ވަނީ އަންގާފައެވެ. އަދި ޓޯކޮށްފައިވާ އުޅަނދުތައް ވެރިފަރާތަށް ދޫކުރަނީ އުޅަނދުގެ ލިޔެކިޔުންތަކާއި، އަދި ނަގަންޖެހޭ ހުއްދަތައް ހަމަކުރުމުންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ މިގޮތަށް ސިޓީ ކައުންސިލުން ޓޯކުރި އުޅަނދުގެ ތެރެއިން މިހާތަނަށް ވެރިފަރާތުން ހަވާލުނުވާ 3 އުޅަނދެއް އެބައޮތްކަމަށެވެ. މި އުޅަނދުތަކާއި ހަވާލުވުމަށް ސިޓީކައުންސިލުން ވަނީ އަންނަ މަހުގެ 10ވަނަ ދުވަހާއި ހަމައަށް މުޙުލަތެއް ދީފައެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ ދީފައިވާ މުހުލަތުގެ ތެރޭގައި އުޅަނދުފަހަރުގެ ވެރިފަރާތް ނުވަތަ ޒިންމާދާރު ފަރާތަކުން އުޅަނދާއި ހަވާލުނުވެއްޖެނަމަ، އެއީ ބޭނުން ނެތިގެން ދޫކޮށްލާފައިވާ އުޅަނދުގެ ގޮތުގައި ކަނޑައަޅާނެކަމަށެވެ. އަދި މިފަދަ އުޅަނދުތައް ޤަވާއިދުގެ ދަށުން ނައްތާލާނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލުން މާލެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނަގަން ފަށާފައިވަނީ، މާރުކޭޓް ސަރަޙައްދަށް މަސް ހިފައިންގެން އަންނަ އުޅަނދުތަކަށް، އެސަރަޙައްދުގެ ބަނދަރުގެ ތޮއްޖެހުން ބޮޑުކަމުން ބަނދަރު ނުކުރެވޭ މައްސަލަ ބޮޑުވުމާ ގުޅިގެންނެވެ. އަދި އަޅުތެރޭގައި އަޅާފައި ހުންނަ އުޅަނދުތައް ގިނަދުވަސްވަންދެން ބޭނުންނުކޮށް އަޅާފައި ހުރުމާއި، މިފަދަ ދޯނިތަކުގައި ޤަވައިދާއި ޚިލާފު ކަންކަން ކުރާކަންވެސް ފާހަގަވެފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެެވެ.

މާލޭ ބަނދަރުގައި ހުރި މިފަދަ މައްސަލަތައް 3 މަސް ތެރޭގައި ޙައްލުކުރުމަށް ކައުންސިލުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި ކުރިއަށް އޮތްތާނގައި ބަނދަރު ތަރައްޤީވެގެން އަންނާނީ ތަރުތީބު، އޮޑިވެރިންނަށް ބޭނުންކުރަން ފަސޭހަ ތަނެއްގެ ގޮތުގައިކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މާލެގެ އާއްމު ބަނދަރުތަކާއި ފަޅުތެރެއަށް ގެންނަ ބަދަލުތަކުގެ ތެރޭގައި އެކި އަތޮޅުތަކުން އަންނަ އުޅަނދުތަކަށް، މާލެ ބަނދަރުގެ އެކި ސަރަޙައްދު ޚާއްސަކުރުމާއި ޕޯސްޓައް ބަހައްޓައިގެން ބަނދަރުމަތި ބެލެހެއްޓުން ހިިިިިިމެނެއެވެ.