އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޚާއްޞަކޮށްފައިވާ ޑޫމްސް ޑޭ މަތިން ބޯޓު ވެލާނާ އިންޓަރނޭޝަލް އެއާޕޯޓުގައި ޕާކުކޮށްފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު އިންޑިއާއަށް ކުރައްވަމުންގެންދާ ރަސްމީ ދަތުރާގުޅިގެން މިމަތިންދާބޯޓު ރާއްޖެއަށް ފޮނުވާފައިވަނީ މިއަދުއެވެ. ހަނގުރާމައިގެ ޙާލަތާއި ނުރައްކާތެރި ބޮޑެތި ޙާދިސާތަކާއި ގުޅިގެން އެމެރިކާގެ ރައީސާއި އިސްވެރިން ބޭނުންކުރައްވާ، ޑޫމްސް ޑޭ ފްލީޓްގައި ހިމެނޭ މަތިންދާބޯޓު، ޓްރަމްޕްގެ ދަތުރު ނިމެންެދެން ރާއްޖޭގައި އޮންނާނެއެވެ. އިންޑިއާއަށް ކުރައްވާ ދެދުވަހުގެ ދަތުރު ނިންމަވާލެއްވުމަށްފަހު ޓްރަމްޕް އިންޑިއާއިން ފުރާވަޑައިގަންނަވާނީ އަންގާރަ ދުވަހުގައެވެ.
އެމަތިންދާބޯޓަށް ޑޫމްސް ޑޭ ޕްލޭންގެ ނަން ދީފައިވަނީ ނުރަސްމީކޮށެވެ. އެއީ ހަނގުރާމައިގެ ޙާލަތާއި ކުއްލި ނުރައްކަލުގެ ޙާލަތުގައި އެމެރިކާގެ ރައީސާއި އިސްވެރިން ޤައުމުގެ ކަންކަން ހިންގެވުން އެބޯޓުގައި ތިއްބަވައިގެން ކުރިއަށްގެންދެވޭގޮތަށް ފަރުމާކޮށްފައިވާ ބޯޓެއް ކަމުގައިވާތީއެވެ. އަދި އެބޯޓު ބޭނުންކުރަނީ އެމެރިކާގެ އެއާފޯސް ވަންއާއެކުކަމަށްވާތީ އެމެރިކާގެ ރައީސް ޤައުމުން ބޭރަށް ކުރައްވާ ދަތުރުތަކުގައި އެބޯޓުވެސް އެއާފޯސްގެ ސެކިއުރިޓީއާއެކު ދަތުރުކުރެއެވެ.
އެމެރިކާގެ ރައީސަށް ޚާއްޞަ މަތިންދާބޯޓުތައް އުފައްދަން ފެށީ ފިނި ހަނގުރާމައިގެ ތެރޭގައެވެ. އަދި ޚާއްޞަ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ޑޫމްސް ޑޭ ޕްލޭން ބޭނުންކުރަން ފަށާފައިވަނީ 1970ވަނަ އަހަރުއެވެ. މިއީ ނިއުކުލިއަރ ހަމަލާއެއްގެ ތެރޭގައިވެސް ސަލާމަތްތެރިކަން ހޯދުމުގެ ޤާބިލްކަން ލިބިފައިވާ މަތިންދާބޯޓެކެވެ. އެމެރިކާ ފިޔަވައި މިފެންވަރުގެ މަތިންދާބޯޓެއް ދެން ބޭނުން ކުރަނީ ރަޝިޔާއިންނެވެ.
އެމެރިކާގެ ރައީސަށް ޚާއްޞަ މަތިންދާބޯޓު ރާއްޖޭގައި ޖެއްސި ފުރަތަމަ ފަހަރެވެ.