ޚަބަރު

ހޯމް މިނިސްޓަރު އިމްރާން، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖަލުގައި ބައްދަލު ކުރައްވައިފި


ޖަލުގައި ޙުކުމް ތަންފީޒުކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ބައްދަލުކުރައްވައި އެމަނިކުފާނުގެހުރި ކަންބޮޑުވުންތައް އޮޅުން ފިލުއްވައިފިއެވެ.

މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުހައްމަދުފުޅު މާފުށި ޖަލަށް މިއަދު ޒިޔާރަތް ކުރައްވާ ޖަލުގެ އާންމު ހާލަތުވަނީ ބައްލަވާލަވާފައެވެ.

މިނިސްޓަރ އިމްރާން ކުރީގެ ރައީސް ޔާމީނާއި ޖަލުގައި ބައްދަލުކުރައްވާފައިމިވަނީ، ހިތުގެ އާލާސްކަންފުޅަކާ ގުޅިގެން ޓެސްޓްތަކެއް ހެދުމަށް ހޮސްޕިޓަލުގައި އެޑްމިޓްކުރިތާ ތިން ދުވަހަށް ފަހު އިއްޔެ ހޮސްޕިޓަލުން ދޫކޮށްލާފައި ވަނިކޮށެވެ.

ހައިކޯޓަށް ހުށައެޅުނު އިސްތިއުނާފުގެ އަޑުއެހުމެއްގައި ރައީސް ޔާމީން ވަނީ އެމަނިކުފާނު ޖަލަށް ވަޑައިގަންނަވަން ޖެހުމުން ހިތުގެ ބައްޔެއް އުފެދި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާތަކަކާއި ކުރިމަތިލާން ޖެހިވަޑައިގެންފައި ވާކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނަށް ޖެހިވަޑައިގެންފައިވާ ހިތްޕުޅުގެ އާލާސްކަންފުޅަށް ހަދަންޖެހޭ ޓެސްޓްތައް ރާއްޖެއިން ހެދެން ނެތްކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން 5 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުންކުރި ޙުކުމްގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން އެ މަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ނުކުރެވޭނެ ކަމަށް ނިންމާފަައިވާ ނިންމުން މުރާޖާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގަ ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.