ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޔޫއޭއީގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފިއެވެ.
މިއީ އެމްއެމްޕީއާރްސީން މިއަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފެމިލިއަރައިޒޭޝަން ޓްރިޕްތަކުގެ ތެރެއިން ކުރިއަށްގެންދާ 4 ވަނަ ދަތުރެވެ.
މި ދަތުރު ޚާއްސަކޮށްފައިވަނީ ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމް މެދުއިރުމަތީގެ ޤައުމުތަކަށް އިޝްތިހާރުކުރުމަށެވެ. މި ދަތުރުގައި މެދުއިރުމަތީގެ މަޝްހޫރު 'ދަ އިންސައިޑާ'ގެ ނޫސްވެރިންނާއި މެދުއިރުމަތީގެ ލައިފްސްޓައިލް ބްލޮގަރުން ހިމެނެއެވެ.
މި ޓީމު ރާއްޖޭގައި 5 ދުވަހު ތިބުމަށް ހަމަޖެހިފައިވާއިރު މި ދަތުރުގައި މި ޓީމުން ލަގްޒަރީ 3 ރިސޯޓެއްގައި ތިބުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެމަރެލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ، ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް އަދި ގްރޭންޑް ޕާކް ކޮދިއްޕަރު ރިސޯޓުގައި ތިބުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުގައި މި ރިސޯޓްތަކުން ލިބޭ ޚިދުމަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު މި ނޫސްވެރިންނަށް ލިބޭނެއެވެ.
5 ދުވަހުގެ މި ދަތުރަށްފަހު ނޫސްވެރިން ކުރި ތަޖުރިބާތައް ނޫސްތަކުގައާއި ސޯޝަލް މިޑިއާގެ އެކި ޕްލެޓްފޯމްގައި ޝާއިއު ކުރެވިގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
މެދުއިރުމަތީގެ ފަތުރުވެރިންނަކީ އެހެން ޤައުމުތަކުން ދަތުރުކުރާ ފަތުރުވެރިންނާއި އަޅާބަލާއިރު ގިނައިން ޚަރަދުކުރާ ބައެކެވެ. އެހެންކަމުން މި މާކެޓަށް އަމާޒުކޮށްގެން މިއަހަރު ގިނަ ޙަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު މެދުއިރުމަތިން 60 ހާސް ތިން ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރިއެވެ. އަދި މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު މެދުއިރުމަތިން ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިން ވަނީ %73.7 އިތުރުވެފައެވެ.