ޚަބަރު

ޖަޕާނުގެ އެހީގެ ސަބަބުން ރާއްޖެއަށް ދިމާވާ ބޮޑެތި ނުރައްކާތައްވަނީ ކުޑަކުރެވިފައި - ޑިފެންސް މިނިސްޓަރ


ޖަޕާނުން ދޭ އެހީގެ ސަބަބުން ރާއްޖެއަށް ދިމާވާ ބޮޑެތި ނުރައްކާތައް ކުޑަކުރެވިފައިވާ ކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މާރިޔާ ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވުމަށްފަހު ޖަޕާނާއި ރާއްޖޭގެ ގުޅުން ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

ޖަޕާނުގެ އެމްޕަރަރ ނަރުހީޓޯއަށް 60 އަހަރުފުޅުވުން ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީއިން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވަނީ ޖަޕާނާއި ރާއްޖެއާ ދެމެދު 1976 ވަނަ އަހަރު ގުޅުން ޤާއިމުކުރުމަށްފަހު ވެދީފައިވާ އެހީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ތަޢުލީމީ ދާއިރާއާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމުގެ ދާއިރާގެ އިތުރުން މީހުން ތަމްރީނުކުރުމުގައި ޖަޕާނުން ވެދީފައިވާ އެހީ އެކަމަނާ ފާހަގަކުރެއްވިއެވެ.

ހޮޓެލް ޖެންގައިި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މިވެރިކަމުގައި ޖަޕާނާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސަރަހައްދީ ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމާއި، ޓެރަރިޒަމާއި މުޢާސަލާތުގެ ދާއިރާއިން މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޖަޕާނަކީ ރާއްޖެ ހާލުގައި ޖެހުނު ކޮންމެ ދަނޑިވަޅެއްގައިވެސް ރާއްޖެއަށް ބޮޑެތި ދީލަތި އެހީތަކެއް ވެދީފައިވާ ޤައުމެއްކަން ފާހަގަކުރައްވާ، މިނިސްޓަރ މާރިޔާ ވަނީ ޖަޕާނުން ދޭ އެހީގެ ސަބަބުން ރާއްޖެއަށް ދިމާވާ ބޮޑެތި ނުރައްކާތައް ކުޑަކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޖަޕާނު ސަރުކާރުގެ އެހީގައި މާލެ ވަށައިގެން އަޅާފައިވާ އެއްގަމު ތޮށީގެ ސަބަބުން މާލެ ރައްކާތެރިވެފައިވާއިރު، މިދިޔަ އަހަރު ޖަޕާނުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފައިވާ އަލިފާން ނިއްވާ ވެހިކަލްތަކުން ގިނަ ފުރާނަ ސަލާމަތްކޮށް ގެއްލުން ކުޑަކުރެވިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"ޖަޕާނަކީ މުއްސަނދި ސަޤާފަތެއްގެ ވެރި ބަޔެއް. ޖަޕާނަކީ ރާއްޖެއަށް ދީލަތި އެހީތަކެއް ވެދީފައިވާ ޤައުމެއް. މިދިޔަ އަހަރު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގެ އަސަރު ކުޑަވީ ޖަޕާން ސަރުކާރުން ދިން ވަސީލަތްތަކުގެ ސަބަބުން. މި ވާހަކަ އަޅުގަނޑު ޖަޕާނުގެ އެމްބެސެޑަރަށް ގުޅާފައި އެންގީ ވަރަށްވެސް އުފަލުން. މި ސަރުކާރުން ހަވާލުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ޖަޕާނަށް ކުރި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް. މިއަދު ދެ ޤައުމުގެ ގުޅުން މިވަނީ އެތައް ގުނައެއް ބަދަހިވެފައި." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންވާ ސަފީރު ކެއިކޯ ޔަނާއި ވަނީ ރާއްޖެއަކީ ޖަޕާނުން މުހިންމު އިސްކަމެއް ދޭ ޤައުމެއްކަން ފާހަގަކުރައްވާފައެވެ. ރާއްޖެ ޖިއޮގްރޮފިކްގޮތުން އޮތް ސަރަހައްދަކީ ބައިނަލްއަޤްވާމީ ވިޔަފާރީގެ މައި ރޫޓެއްކަން ފާހަގަކުރައްވާ އެމްބެސެޑަރ ޔަނާއި ވަނީ ރާއްޖެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިއަހަރުގެ ތެރޭ ސްކޮލަޝިޕް 19 ފުރުސަތު ހުޅުވާލާނެކަން ޖަޕާންގެ އެމްބެސެޑަރ ހާމަކުރެއްވިއެވެ.

"ރާއްޖެއަކީ ޖަޕާނުން މުހިންމު އިސްކަމެއް ދޭ ޤައުމެއް. ރާއްޖެ ޖިއޮގްރޮފިކްގޮތުން އޮތް ސަރަހައްދަކީ ބައިނަލްއަޤްވާމީ ވިޔަފާރީގެ މައި ރޫޓެއް. ރާއްޖެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނަން. ގްރާސް ރޫޓް ޕްރޮޖެކްޓްތަކެއްވެސް ހިންގަން އެހީވާނެ. ޖައިކާއިން މިއަހަރުގެ ތެރޭ 19 ސްކޮލަޝިޕް ފުރުސަތު ހުޅުވާލާނަން." އެމްބެސެޑަރ ޔަނާއި ވިދާޅުވިއެވެ.

ޖަޕާނުގެ އެމްޕަރަރ ނަރުހީޓޯއަށް 60 އަހަރުފުޅުވުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ މާރިޔާގެ އިތުރުން ކެބިނެޓްގެ ވަޒީރުންނާއި ސަރުކާރާއި އެކިޤައުމުތަކުން ރާއްޖޭގައި ތިއްބަވާ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.