ވިޔަފާރި

މަޓީގެ ބޯޑުގެ ޗެއަރމަންކަމަށް މިފަހަރުވެސް އެމްޔޫ މަނިކު


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީގެ ކުރިއަށް އޮތް ދައުރުގެ ޗެއަރމަންކަމަށް އެޖަމުޢިއްޔާގެ މިހާރުގެވެސް ޗެއަރމަން މުހައްމަދު އުމަރު މަނިކު އިންތިޚާބުކޮށްފިއެވެ.

މަޓީގެ ޗެއަރމަންކަމަށް ބޭފުޅަކު އައްޔަންކުރައްވާފައިވަނީ މަޓީގެ 30 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިންނެވެ.

މަޓީގެ ބޯޑުގެ ޗެއަރަމަންކަމަށް އެމްޔޫ މަނިކު އިންތިޚާބުކޮށްފައިވަނީ ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ 30 ވަނަ އަހަރީ އާއްމު ޖަލްސާގައެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރައްވާ، އެ ސިނާޢަތް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އެމްޔޫ މަނިކަކީ މަޓީ އުފެދުނީއްސުރެ އެޖަމިއްޔާގެ ޗެއަރމަންކަން ކުރައްވަމުންދާ ބޭފުޅެކެވެ.

މަޓީގެ ވައިސް ޗެއަރމަނުންގެ ގޮތުގައި މިފަހަރުވެސް އިންތިޚާބުވީ މިދިޔަ ދައުރުގައިވެސް އެމަޤާމުތަކުގައި ތިއްބެވި ޗަމްޕާ ހުސައިން އަފީފުއާއި ވޮޔޭޖަސް މޯލްޑިވްސްގެ ޑިރެކްޓަރު ޞަލާޙު ޝިހާބުއެވެ. އަދި ސެކްރެޓަރީ ޖެނަރަލްއަކަށް އިންތިޚާބުކޮށްފައިވަނީވެސް ކުރިން މަޤާމުގައި ހުރި ކޮރައުން ކޮމްޕެނީގެ ޑިރެކްޓަރު އަހުމަދު ނަޒީރެވެ.

މި ޖަލްސާގައި މަޓީގެ ބޯޑަށް އިތުރު 11 ބޭފުޅުން އައްޔަންކޮށްފައެވެ. މި ބޭފުޅުންނާއިއެކު މަޓީގެ ބޯޑުގައި ޖުމްލަ 15 ބޭފުޅުން ތިއްބަވައެވެ.

މަޓީގެ ބޯޑަށް ބޭފުޅުން އައްޔަންކުރުމުގެ އިތުރުން އަހަރީ އާއްމު ޖަލްސާގައި ވަނީ ނިމިދިޔަ އަހަރު މަޓީން ހިންގި ހަރަކާތްތަކާއި ކުރެވުނު މަސައްކަތުގެ ރިޕޯޓް މެމްބަރުންނަށް ހުށަހަޅާފައެވެ. އަދި 2019 ވަނަ އަހަރުގެ އަހަރީ ހިސާބާއި 2020 ވަނަ އަހަރުގެ މަޓީގެ ބޯޑުގެ ބަޖެޓް ވެސް މި ޖަލްސާގައި ފާސްކުރިއެވެ.