ޚަބަރު

ޙުކުމް ބާތިލުކުރުމަށް ރައީސް ޔާމީންގެ ފަރާތުން ނުކުތާތައް ހުށައެޅުމަށް ބާއްވާ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި


މަނީ ލޯންޑްރިންގެ މައްސަލައިގެ ޙުކުމް ބާތިލުކުރަން ރައީސް ޔާމީންގެ ފަރާތުން ހުށައަޅާ ނުކުތާތައް ހުށައެޅުމަށް މާދަމާ ހައިކޯޓުގައި ޝަރީއަތުގެ އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އިއްވާފައިވާ 5 އަހަރުދުވަހުގެ ޖަލު ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް، އިސްތިއުނާފުގެ މައްސަލަ ނިމެންދެން އެ ޙުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދުމުން އެކަން ކުރެވެން ނެތްކަމަށާ، އަދި އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަންކުރެވެން ވެސް ނެތްކަމަށް ހައިކޯޓުން ވަނީ މިމަހުގެ 6 ވަނަ ދުވަހު ނިންމަވާފައެވެ.

މިއާއެކު މާދަމާ 13:00 އަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި ކުރިއަށްދާނީ ޙުކުމް ބާތިލުކުރުމަށް ރައީސް ޔާމީންގެ ފަރާތުން ހުށައަޅާ ނުކުތާތައް ހުށައެޅުމާއި، އެނުކުތާތާކައި ގުޅޭގޮތުން ދެފަރާތުންވެސް މަޝްވަރާކުރުމެވެ.

މަނީލޯންޑަރިންގެ ކުށުގައި 5 އަހަރަށް ޖަލަށްލުމަށާއި 5 މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުންކުރި ޙުކުމް ބާތިލުކުރުމަށް ރައީސް ޔާމީން ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފުގެ މައްސަލަ ބައްލަވަނީ އެކޯޓުގެ ފަނޑިޔާރު ޙުސައިން މަޒީދާއި ފަނޑިޔާރު ޙުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު ޢަލީ ނިޔާޒެވެ.

ހައިކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުމުގައި ރައީސް ޔާމިން ވަނީ އެމަނިކުފާނު ޖަލަށް ވަޑައިގަންނަވަން ޖެހުމުން ހިތުގެ ބައްޔެއް އުފެދި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާތަކަކާ ކުރިމަތިލާން ޖެހިވަޑައިގެންފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނަށް ޖެހިވަޑައިގެންފައިވާ ހިތްޕުޅުގެ އާލާސްކަންފުޅަށް ހަދަންޖެހޭ ޓެސްޓްތައް ވެސް ރާއްޖެއިން ހެދެން ނެތްކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޓެސްޓްތަކެއް ހެއްދުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުމަށްފަހު މިހާރުވަނީ ޖަލަށް ބަދަލުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ޔާމީން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހިތުގެ ޑޮކްޓަރަކަށް ދެއްކުމަށެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގަ ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.