ޚަބަރު

އުސްފަސްގަނޑުގެ މަސައްކަތް 3 ދުވަހުގެ ތެރޭގައި ނިމޭނެ


މިނިވަން ދުވަހުގެ ރަސްމީ ދަރުބާރު
ބާއްވާ އުސްފަސްގަނޑު ސަރަހައްދު ތައްޔާރުކުރުމުގެ މަސައްކަތްކުރިއަށް އޮތް 3
ދުވަސްތެރޭ ނިންމާލެވޭނެ ކަމަށް އެސައްކަތް ކުރަމުންދާ ރޯޑް ޑިވްލޮޕްމަންޓް
ކޯޕަރޭޝަނުން ބުނެފިއެވެ.



މިނިވަންދުވަހުގެ ރަސްމީ
އިހްތިފާލްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ހަރަކާތަކީ މިނިވަން
ދުވަހުގެ ރަސްމީ ހަފްލާއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވާ ފަރިއްކޮޅާއެކު ބާއްވާ މި ހަފްލާ އެހެން އަހަރު ތަކުގައި ދަރުބާރު ގޭގައި ކުރިއަށްދިޔަ
ނަމަވެސް، މިފަހަރުގެ ހަފްލާ ބާއްވަނީ އުސް ފަސްގަނޑުގައެވެ. ނަމަވެސް ފަރިއްކޮޅުގެ
ބައި މިފަހަރުވެސް ކުރިއަށްދާނީ ދަރުބާރު ގޭގައެވެ. ރައީސުލްޖުމްހޫރިއްޔާގެ
ދެކަނބަލުންނާއި ބައްދަލްކޮށްލެއްވުމާއި، ސަލާމް ކުރެއްވުމުގެ ބައި އެހެން
އަހަރުތަކުގައި ދަރުބާރުގޭ އެކި އެކި މާލަމްތަކުގައި ބޭއްވި ނަމަވެސް، މިފަހަރު
މިބައި ކުރިއަށްދާނީ އުސްފަސްގަނޑުގައެވެ. 

ޖުލައި ސައްބީސް ވަނަ ދުވަހުގެ ރޭ އުސްފަސްގަނޑުގައި ބާއްވާ ހަފްލާއަކީ މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އަދި އެންމެ
ކުލަގަދަ ހަފްލާއަށް ހެދުމަށް އެތަން ތައްޔާރު ކުރުމުގެ މަސައްކަތް ރަމަޟާން
މަހުގެ މެދު ތެރެއިން ފެށިގެން ދަނީ ކުރަމުންނެވެ. މި މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް
ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަނުންނެވެ. އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ
ތެރެއިން ބިންގަނޑު ލެވެލް ކުރުމުގެ މަސައްކަތް ނިމިފައިވާއިރު، ޓެންޓްގެ
މަސައްކަތްވެސް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. މިހާރު ކުރަމުންދަނީ ޓެންޓްގެ
އިރުމަތިން، އުސްފަސްގަނޑުގެ މެދު ތެރޭގައި ހަދާ ކޯލްޑް ހައުސްގެ މަސައްކަތެވެ. އެތަނަކީ ކެންޓީނެއް ގޮތަށް ތަފާތު ވައްތަރުގެ ބުއިންތައް ލިބޭގޮތަށް ތައްޔާރު
ކުރާތަނެކެވެ. 

ކޯލްޑް ހައުސް ހެދުމަށް ހަމެޖެހިފައިވާ ސަރަހައްދުގައި ތަޅުން
އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން ވޯކްވޭ ހެދުމާއި،
ސަރަހައްދު ޒީނަތްތެރި ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދެއެވެ. ޒީނަތްތެރި ކުރުމުގެ
ގޮތުން 500ށްވުރެ ގިނަ ކުދި ރުއް އެ ސަރަހައްދުގައި އިންދުމުގެ
މަސައްކަތާއި، ލައިޓިންގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރަމުންނެވެ. ކުދި ރުއްތައް
އިންދުމަށްފަހު މިމަސައްކަތްތައް ކުރިއަށް އޮތް ތިން ދުވަހު ނިމޭއިރު، އުސްފަސްގަނޑަކީ
ކުރިއާ ޚިލާފަށް ވަރަށް ފުރިހަމަ ސަރަހައްދަކަށް ވެގެންދާނެ ކަމަށް ރޯޑް
ޑިވްލޮޕްމަންޓް ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.