ނ.ޅޮހީގައި އިމާރާތްކުރާ އައު އިންޖީނުގެއާއި އޮފީސް އިމާރާތާއި، ލ.ފޮނަދޫގައި އިމާރާތްކުރާ އޮފީސް އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މި ދެރަށުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑްއާއެވެ.
މިކަމުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދުއެވެ. އަދި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަލީމްއެވެ.
މިމަސައްކަތުގެ ދަށުން ނ.ޅޮހީގައި އިމާރާތްކުރާ އައު އޮފީސް އިމާރާތާއި އިންޖީނުގެއަކީ 6.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފެނަކައިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ލ.ފޮނަދޫގެ އިންޖީނުގޭގެ އޮފީސް އިމާރާތަކީ ފެނަކައިން 8.6 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ އިމާރާތެކެވެ. މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށެވެ.
ރަށްރަށުގައި އިންޖީނުގެ އައު އިމާރާތް އެޅުމުގެ މަޝްރޫޢަކީ، މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމަށް ފެނަކައިން ކުރިއަަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން މިހާރުވެސް ތިރީހަށްވުރެ ގިނަ ރަށުގެ އިންޖީނުގެ އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.