ވިޔަފާރި

ފަތުރުވެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ: އަލީ ވަހީދު


ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަނެވޭނެކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީގެ 30 ވަނަ އަހަރީ އަންމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖެއިން ފަތުރުވެރިކަމުގެ ދާއިރާގައި ހޯދާފައިވާ ކާމިޔާބީތަކަކީ ދިވެހި އިންވެސްޓަރުންގެ އެހީއާއެކު ހޯދާފައިވާ ކުރިއެރުންތަކެއްކަމަށެވެ. އަދި މިއަދު ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުވެފައިވަނީ ވެސް މި ބޭފުޅުންގެ މަސައްކަތުންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމަށް އަންނަ ކުރިއެރުމާއި ތަރައްޤީ އާއި ފައިހަމަކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އަލީ ވަހީދު ފާހަގަކުރެއްވިއެވެ.

އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް ރިކޯޑު ޢަދަދަކަށް ފަތުރުވެރިން ގެނައުން ވެގެން ދިޔައީ ރާއްޖޭގެ ތާރީޚުގައި ވެސް ފަތުރުވެރިކަމަށް ލިބުނު ބޮޑު ކުރިއެރުމަކަށް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޖީޑީޕީގެ %25އަކީ ޓުއަރިޒަމް ސިނާޢަތުން ސީދާ ލިބޭ އާމްދަނީކަމާއި ޖީޑީޕީގެ %75 އިންސައްތައަކީ ނުސީދާގޮތުގައި މި ސިނާޢަތުން ލިބޭ އާމްދަނީކަމުން މި ސިނާޢަތަށް ކުރިމަތިވާ ކޮންމެ ހީނަރުކަމަކީ ރާއްޖޭގެ އިޤްތިސާދަށް އަންނާނެ ނުރައްކަލެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިހާރު ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށްވާ ކޮރޯނާ ވައިރަހާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މީގެ ސަބަބުން ވިޔަފާރިތަކަށް އަންނަމުންދާ ހީނަރުކަމުން އަރައިގަތުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

"ސަރުކާރުން ދަނީ ކޮރޯނާވައިރަސްއާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން. އަޅުގަނޑު ޔަޤީންކަން ދެން މީގެ ސަބަބުން ޓުއަރިޒަމް ސިނާޢަތުގެ އެކި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެކަމަށް. " މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ދުނިޔޭގެ އިޤްތިސާދަށް އަސަރު ފޯރަމުންދާއިރު މިވައިރަހުން ރައްކާތެރިވުމަށް އެކި ޤައުމުތަކުން ދަނީ މަސައްކަތްކުރަމުންނެވެ. މިބަލިން ރައްކާތެރިވުމަށް ސަރުކާރުން އެކި ފެންވަރުގައި ފިޔަވަޅު އަޅަމުންދާއިރު ސަރުކާރުން ވަނީ ޗައިނާއަށް ދަތުރުފަތުރުކުރުން ހުއްޓާލާފައެވެ.