ވިޔަފާރި

ރާއްޖެ އިސްތިހާރުކުރުމަށް ކުރާ މަސައްކަތް އިތުރުކުރަން އެބަޖެހޭ - މަޓީ


ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ރާއްޖެ އިސްތިހާރުކުރުމަށް ކުރާ މަސައްކަތް އިތުރުކުރަންޖެހޭކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީން) ވިދާޅުވެއްޖެއެވެ.

މަޓީގެ 30ވަނަ އަހަރީ ޢާންމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަޓީގެ ޗެއަރމަން މުޙައްމަދު އުމަރު މަނިކު (އެމްޔޫ މަނިކް) ވިދާޅުވީ 47 އަހަރުގެ ތާރީޚުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ކާމިޔާބީތައް ލިބިފައިވާކަމަށް ޤަބޫލުކުރައްވާކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމަކީ މިއަދު އިޤްތިސާދުގެ އެންމެ މުހިއްމު ތަނބުކަމަށް ފާހަގަކުރައްވާ އެމްޔޫ މަނިކު ވަނީ މިސިނާޢަތަށް ދިމާވެދާނެ ގޮންޖެހުމަކީ ދިވެހިރާއްޖޭގެ މުޅި އިޤްތިސާދަށް އަންނާނެ ހީނަރުކަމެއްކަމަށް ފާހަގަކުރައްވާފައެވެ.

ވަކިން ޚާއްސަކޮށް ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަހުގެ ނުރައްކަލާއެކު ދުނިޔޭގެ ފަތުރުވެރިކަމަށް އަސަރުކުރަމުންދާ މިދަނޑިވަޅުގައި ރާއްޖެއިން ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރަމުންދާ މަސައްކަތް ކުރިއަރުވަންޖެހޭކަމަށް އެމްޔޫމަނިކު ވިދާޅުވިއެވެ.

"2020 ވަނަ އަހަރު ފެށިގެން ދިޔައީ މިސިނާޢަތަށް ކޮރޯނާވައިރަހުގެ ނުރައްކަލާއެކު. އަނެއްކޮޅުން ތޯމަސްކުކް ބަނގުރޫޓްވުމާއެކު ދުނިޔޭގެ ޓޫރިޒަމް ސިނާޢަތަށް ބިރުވެރިކަމެއް އުފެދުނު. މުޅި ޓޫރިޒަމް އިންޑަސްޓްރީން ގުޅިގެން އެބަ މަސައްކަތްކުރަންޖެހޭ މިކަމުން އަރައިގަންނަން. ޑެސްޓީނޭޝަން މާކެޓިންގއަށް ކުރާ މަސައްކަތް އިތުރަށް ކުރިއަރުވަންޖެހޭ." އެމްޔޫ މަނިކު ވިދާޅުވިއެވެ.

އެމްޔޫ މަނިކު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޓަރމިނަލްއާއި ޕެސެންޖަރ ޓަރމިނަލް ހުޅުވުމާއެކު ފަތުރުވެރިކަމަށް އިތުރު ކުރިއެރުން އަންނާނެކަމަށެވެ.

އަދި ފަތުރުވެރިކަމުގައި ގޮންޖެހުންތައް ހުރި ނަމަވެސް އިންޑަސްޓްރީގެ އެއްބާރުލުމާއެކު މިއަހަރުވެސް ފަތުރުވެރިކަމުގައި ކާމިޔާބީތައް ލިބޭނެކަމަށް އެމްޔޫ އުމަރު މަނިކު ވިދާޅުވިއެވެ. އަދި މިކަމުގައި މަޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެމްޔޫ މަނިކު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޤާނޫނުތައް އިސްލާޙުކުރުމުގެ މުހިއްމުކަމާއި ބެހޭގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން މިއަހަރު ޓޫރިޒަމް މާސްޓަރޕްލޭން އެކުލަވާލެވޭނެކަމާއި މީގެ ސަބަބުން ޓޫރިޒަމް ސިނާޢަތަށް ދިމާވެފައިވާ މައްސަލަތައް ހައްލުވެގެންދާނެކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމަށް އަންނަމުންދާ ބަދަލުތަކާއެކު ތިމާވެށްޓާއި ރަށްޓެހިގޮތަކަށް ފަތުރުވެރިކަން ބިނާކުރުމަށް އެމްޔޫ މަނިކުވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް މަޓީގެ އެއްބާރުލުން ލިބޭނެކަމަށް އެމްޔޫ އުމަރު މަނިކު ފާހަގަކުރެއްވިއެވެ.

" ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖޭގެ ވެއްޓަށް ކުރާ އަސަރުތަކާއި ގުޅޭގޮތުން އަޅުގަނޑުމެންގެ ލީޑަރުން ވާހަކަދައްކަންއެބަޖެހޭ. ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް މަޓީން މިދަނީ މަސައްކަތްކުރަމުން." އެމްޔޫ މަނިކު ވިދާޅުވިއެވެ.

އެމްޔޫ މަނިކަކީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މަޓީގެ ޗެއަރމަންކަމުގައި ހުންނަވައިގެން އެމްޔޫ މަނިކު ވަނީ ފަތުރުވެރިކަމުގެ ސިނާޢަތަށް ގިނަ ކުރިއެރުންތައް ހޯއްދަވައިދެއްވާފައެވެ.