ޚަބަރު

ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނީ 877 ކެނޑިޑޭޓުން


ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވާދަކުރާ 877 ކެނޑިޑޭޓުންގެ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާކަމަށް އެޕާޓީން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ކައުންސިލް އިންތިޚާބަށް ކަނޑައަޅާފައިވާ ސްޕޯކްސް ޕާސަން އަފްޝަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ ވާދަކުރާނެ ކެނޑިޓޭޓުންގެ އަދަދު ކަށަވަރުވެފައިވާކަމަށެވެ. އެޕާޓީން ވާދަކުރާ ކެނޑިޓޭޓުންގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާކަމަށެވެ.

އަފްޝަން ވިދާޅުވީ ކައުންސިލް އިންތިޚާބުގެ އިތުރުން މާދަމާ މުއްދަތު ހަމަވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކެމެޓީގެ އިންތިޚާބަށް ކުރިމަތިލާނެކަމަށް ކަށަވަރުވެފައިވަނީ 402 ކެނޑިޑޭޓުންކަމަށާއި، އޭގެ އިތުރުންވެސް ކެނޑިޑޭޓުން މިހާތަނަށް ނެތް ގޮނޑިތަކަށް މީހުން ހަމަކުރެވޭތޯ މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ކެމްޕެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާއިރު، އިންތިޚާބަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމަށްވެސް ތަފާތު ހަރަކާތްތަކެއް ރާވާފައިވާކަމަށް އަފްޝަން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަސްތުކޮށްފައި މިއޮތީ ކެނޑިޑޭޓުންގެ އެޕްލިކޭޝަންތައްލައި ނިމުމައްފަހު ކައުންސިލް އިންތިޚާބު އަދި ޑަބްލިއުޑީސީގެ އިންތިޚާބަކީ އެކުއެކީގައި ބޭއްވޭ އިންތިޚާބަކަށްވީމަ، ކުރިއަށް އޮތްތާގައި ހުރިހާ ހަރަކާތެއްވެސް ދެބައި އެއްކޮށް ކުރިއަށްގެންދަން" އަފްޝަން ލަތީފް ވިދާޅުވިއެވެ.

އެމްޑީޕީން ކައުންސިލް އިންތިޚާބު ކުރިއަށްގެންދާނީ ވީހާވެސް މަދުން ޕްލާސްޓިކް ބޭނުންކޮށް، ތިމާވެއްޓާއި ރައްޓެހި ގޮތަކަކަށް ކަމަށް އެޕާޓިން ބުނެއެވެ.

އެމްޑީޕީން ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ އަދަދު ކަށަވަރުވެފައިވާކަން އެޕާޓީން ހާމަކުރައްވާފައިވާއިރު، އިދިކޮޅު ޕީޕީއެމުންވެސް ހަތްސަތޭކައެއްހާ ކެނޑިޑޭޓުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށާއަޅާފައިވާކަމަށް އެޕާޓީންވަނީ ބުނެފައެވެ. ނަމަވެސް އިންތިޚާބުގައި އެޕާޓީން ވާދަކުރާނެ ކެނޑިޑޭޓުންގެ ކަށަވަރު އަދަދު އަދި އެޕާޓީން ހާމަކޮށްފައެއްނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ކެނޑިޓޭޓުންގެ ޖުމްލަ އަދަދު މިއަދު ނުވަތަ މިރޭގެ ވަގުތެއްގައި އިއުލާންކުރާނެކަމަށެވެ. މިފަހަރުގެ އިންތިޚާބުގައި ދެލައްކަ ފަސްދޮޅަސް ނުވަހާހަށްސް ފައްސަތޭކައަށްވުރެ ގިނަ މީހުންނަށް ވޯޓުދިނުމުގެ ޙައްޤުލިބިގެންވާއިރު، އިންތިޚާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

އަދި އޭޕްރީލް 4 ގައި ބާއްވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާނެއެވެ.