ކުޅިވަރު

ކޯވިޑް 19ގެ ސަބަބުން އިޓާލިއަން ލީގުގެ މެޗުތައް ފަސްކޮށްފި


ދުނިޔޭގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޯވިޑް 19)ގެ އަސަރު އިޓަލީއަށް ކުރުމުގެ ސަބަބުން އިޓާލިއަން ލިގުގެ ތިން މެޗެއް ފަސްކޮށްފި އެވެ.

އެއީ އިންޓަމިލާނާއި ސެމްޕްޑޯރިއާ މެޗާއި ވެރޯނާ އާއި ކަގްލިއާރީގެ މެޗު އަދި އެޓްލާންޓާ އާއި ސަސޫލޯގެ މެޗެވެ. މި މެޗުތައް ފަސްކުރިކަން އިޢުލާނުކުރީ އިޓަލީގެ ބޮޑުވަޒީރު ގުއިސެއްޕެ ކޮންޓޭ އެވެ. މީގެ އިތުރުން ވެސް ބައެއް މެޗުތައް ވެސް ވަނީ ފަސްކޮށްފަ އެވެ.

މީގެ އިތުރުން އިޓާލީގެ ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގެ ބައެއް މެޗުތައް ވެސް ރޭ ވަނީ ކެންސަލްކޮށްފަ އެވެ. އަދި، ޔޫތު މުބާރާތްތަކުގެ މެޗުތަކާއި އިޓަލީގެ ހަތަރު ވަނަ ޑިވިޝަނުގެ ގިނަ މެޗުތަކެއް ވެސް ނުކުޅެން ވަނީ ނިންމައިފަ އެވެ.

ޗައިނާއިން އުފަންވެ އެ ޤައުމުގައި ބާރަށް ފެތުރުމުގެ އިތުރަށް މުޅި ދުނިޔެ އަށް ފެތުރެމުންދާ ވައިރަހުގައި މިހާތަނަށް ވަނީ 2300 އަށްވުރެ ގިނަ މީހުން މަރުވެފައެވެ.

އަދި ބަލިޖެހިފައިވާ މީހުންގެ އަދަދު ވަނީ ލައްކައަކާ ގާތްކޮށްފަ އެވެ. މި ވައިރަހުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ހަރަކާތްތައް ވެސް މެދުކަނޑަމުންދާއިރު ވަރލްޑް ކަޕް ކޮލިފައިންގައި ޗައިނާ އާއި ދިވެހިރާއްޖެ އަންނަ މަހު ކުޅެން އޮތް މެޗު ވެސް ތައިލެންޑަށް ބަދަލުކުރަން މިހާރު ވަނީ ނިންމާފަ އެވެ.