ޚަބަރު

އެކްޓިން ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި

އެކްޓިން ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމެއް މޯލްޑިވްސް މިޑީއާ އިންސްޓިޓިއުޓުން ފަށައިފިއެވެ.

މިމަހުގެ 26 ގެ ނިޔަލަށް އެމްއެމްއައިގައި ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި އިންޑިއާގެ ނެޝަނަލް ސްކޫލް އޮފް ޑްރާމާގެ ތަޖުރިބާކާރު 3 ޕްރޮފެސަރުން ކިޔަވައިދނުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީން ޕްރޮގްރާމްގައި އެކި ކަހަލަ ފިލްމްތަކާއި ޑްރާމާތަކާއި ލަވަތަކުގައި އެކްޓްކުރާނެ ގޮތްތައް ކިޔައިދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންފިޑެންސްއާއެކު އެކްޓްކުރާނެ ގޮތްތަކާއި ކެރެކްޓަރއަށް ވަންނާނެ ގޮތް ކިޔާދޭނެއެވެ. އަދި އެކްޓް ކުރުމުގައި ކުރަންޖެހޭ ހުރިހާ ކަންތައްތަކާއި ޕްރޮފެސަރުންގެ ތަޖުރިބާތައްވެސް ހިއްސާ ކުރުމަށްވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދޭން އައި ޕްރޮފެސަރުން ވަނީ ރާއްޖެގައި ޒުވާން ފިލްމް އިންޑަސްޓްރީއެއް އޮތްކަން ފާހަގަކޮށްފައެވެ. އަދި މި ދާއިރާގެ މުސްތަޤްބަލެއް އޮތްކަންވެސް ޕްރޮފެސަރުނ ފާހަގަކުރިއެވެ.

ފަސްދުވަހުގެ މިތަމްރީން ޕްރޮގްރާމްގައި 40 އަށް ވުރެ ގިނަ ފަރާތް ބައިވެރިވެއެވެ. އޭގެ ތެރޭގައި މިހާރުވެސް ރާއްޖޭގެ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަންނާނުން ހިމެނެއެވެ.

މި ޕްރޮގްރާމަކީ އިންޑިއަން ކަލްޗަރަލް ސެންޓަރާއި ނެޝަނަލް ސެންޓަރ ފޮރ ދި އާރޓްސް އާއި މިނިސްޓްރީ އޮފް އާރޓް ކަލްޗަރ އެންޑް ހެރިޓޭޖާއި، ޕީއެސްއެމްގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްއާއި ފިލްމް އެސޯސިއޭޝަން އޮފްދަ މޯލްޑިވްސްއަކީވެސް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.