ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ޕީޕީއެމުން އަންނަ ހުކުރުދުވަހުގެ ރޭ ފަށަނީ


އިދިކޮޅު މައި ޕާޓީ ޕީޕީއެމުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން އަންނަ ހުކުރުދުވަހުގެރޭ ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީންވަނީ މިމަހުގެ 28 ވާ ހުކުރު ދުވަހުގެ ރޭ ބާއްވާ ޖަލްސާގައި އަންނަ ކައުންސިލް އިންތިހާބުގެ ކެންޕެއިން ފަށާނެކަމަށެވެ. ޕީޕީއެމްގެ ނާއިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވީ މިހާތަނަށް އެއްވެސް ކެންޕެއިނަކަށް ތައްޔާރުނުވާ ވަރަށް އެޕާޓީން ކައުންސިލް އިންތިހާބުގެ ކެންޕެއިނަށް ތައްޔާރުވަމުންދާ ކަމަށެވެ.

އޭޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ކުރިއަށްގެންދާނީ "މިއީ މަގޭ ރާއްޖެ" މިނަމުގައި ކަމަށާއި، ކެމްޕެއިން ފެށުމަށް ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާގައި ތަފާތު ގިނަ ކަންތައްތަކެއް ފެންނާނެ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

ކެންޕެއިން ރަސްމީކޮށް ފެށުމުގެ ޖަލްސާގެ އިތުރުން އަންނަ ހަފްތާއިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޕީޕީއެމާ ޕީއެންސީ ގެ ޓީމުތައް ހަރަކާތްތެރިވާނެކަމަށާއި، އެދަތުރުތަކުގައި ރާއްޖޭގެ އާބާދީ ބޮޑު އަތޮޅުތަކާއި ރަށްތަކަށްގޮސް ކެނޑިޑޭޓުންގެ ކެމްޕެއިން ކުރިއަށްގެންދާނެކަމަށް ޕީޕީއެމުން ބުނެއެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމުން ހަތްސަތޭކައެއްހާ ކެންޑިޑޭޓުން ވާދަކުރާކަމަށް އެޕާޓީންވަނީ ބުނެފައެވެ.

އިދިކޮޅު ޕީޕީއެމުން ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ހުކުރުދުވަހުގެރޭ ފަށާއިރު، ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ލޯކަލްކައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފަށާފައިވަނީ ރޭގައެވެ.