ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް، ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ އިޤްޞާދަށްދަނީ އެކަމުގެ ނޭދެވޭ އަސަރުކުރަމުންނެވެ. ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ދަތުރުފަތުރުކުރުމަށް ބުރޫއަރާ އިންސާނީ މުޢާމަލާތުތައްވަނީ މަޑުޖެހިފައެވެ.
ކޯވިޑް-19ގެ ސަބަބުން ދުނިޔޭގައި ފެތުރިގެން ހިނގައިދާނެ ބޮޑު ބަލިމަޑުކަމެއްގެ ވަބާ ހުއްޓުވުމަށް ފިޔަވަޅުއަޅަން ޤައުމުތަކަށްވަނީ މަޖުބޫރުވެފައެވެ. ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅަންޖެހިފައިވާ އެންމެ އާންމު ފިޔަވަޅަކީ ބަލި އުޅޭ ސަރަޙައްދުތަކާއި ޤައުމުތަކުގެ މީހުން އެހެން ތަންތަނަށް ދިޔުން ހުއްޓުވާ ކަރަންޓީނުކުރުމެވެ. އެހެންކަމުން، އިންސާނީ މުޢާމަލާތުތަކާއި ގުޅިފައިހުރި ވިޔަފާރިތައްވަނީ މަޑުޖެހިފައެވެ.
ދުނިޔޭގެ އިޤްތިޞާދާގުޅޭގޮތުން ދިރާސާކުރާ އޮކްސްފޯޑް އިކޮނޮމިކްސުން ބުނެފައިވަނީ ކޮރޯނާވައިރަސްގެ ސަބަބުން މިއަހަރު ދުނިޔޭގެ އިޤްތިޞާދަށް 1.1 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވާނެކަމަށެވެ. އޭޝިޔާ ބައްރުން ބޭރުގައި ވައިރަސް ފެތުރޭ މިންވަރު އިތުރުވެއްޖެނަމަ ދުނިޔޭގެ އިޤްތިޞާދީ ދުވެލި 1.3 އިންސައްތައަށް މަޑުޖެހޭނެކަމަށް އެދިރާސާގައި ބުނެއެވެ.
ޗައިނާގެ ފެކްޓަރީތަކުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލަން މަޖުބޫރުވެފައިވާތީ އެތަންތަނުން އުފައްދާ ސާމާނުތައް ނުލިބުމުގެ ސަބަބުން ދުނިޔޭގެ ގިނަ ކުންފުނިތަކެއްގެ އުފެއްދުންތައް ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރުވަނީ ހީވެފައެވެ. އެގޮތުން އިނގިރޭސިވިލާތުގައި ކާރު އުފައްދާ ކުންފުންޏެއްކަމަށްވާ ޖަގުއަރ ލޭންޑް ރޯވާއިން ބުނެފައިވަނީ ކާރު އުފެއްދުމަށް ބޭނުންވާ ގިނަ ބައިތަކާއި ސާމާނު ޗައިނާއިން ލިބުން ދަތިވެފައިވާކަމަށެވެ. ކޮރޯނާވައިރަސް ފެތުރުން ނުހުއްޓޭނަމަ އަންނަ ހަފުތާ ނިމޭއިރު ޖަގުއަރ ކުންފުންޏަށް މިހާރު ލިބިފައިހުރި ސާމާނުތައް ހުސްވެ ކާރު އުފެއްދުމުގެ މަސައްކަތް ހުއްޓާލަންޖެހޭނެކަމަށްވަނީ ބުނެފައެވެ.
ދުނިޔޭގައި އައިފޯނު އުފައްދާ މަޝްހޫރު ކުންފުނި އެޕަލް ކުންފުނިން ބުނެފައިވަނީ މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު އެކުންފުންޏަށް އާމުދަނީ ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށް ނުލިބޭނެކަމަށެވެ. އެއީ ޗައިނާގެ ފަތުރުވެރިން ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރުން ހުއްޓުމަކަށް އައުމުންނާއި އެމީހުން ޚަރަދުކުރާ މިންވަރު މަދުވުމުންކަމަށް އެޕަލުންވަނީ ބުނެފައެވެ.
އޮކްސްފޯޑް އިކޮނޮމިކްސްގެ ދިރާސާގައި ބުނެފައިވަނީ މިދިޔަ އަހަރު ޗައިނާގެ ޖީޑީޕީ ކުރިއަރަމުންދިޔަ މިންވަރު ހުރީ 6 އިންސައްތާގައިކަމަށެވެ. ނަމަވެސް، މިއަހަރު ޗައިނާގެ އިޤްތިޞާދީ ދުވެލި މަޑުޖެހި 5.4 އިންސަތައަށް ދަށަށްދާނެކަމަށް ބެލެވެއެވެ. އޭޝިޔާ ބައްރުގައި ވައިރަސް ފެތުރޭ މިންވަރު މިހާރަށްވުރެ އިތުރުވެއްޖެނަމަ މިއަހަރު ދުނިޔޭގެ ޖީޑީޕީން 0.5 އިންސައްތަ ދަށަށްދާނެއެވެ. އެމިންވަރަކީ ގާތްގަނޑަކަށް 400 ބިލިއަން އެމެރިކާ ޑޮލަރެވެ. އޭޝިޔާ ބައްރުން ބޭރަށް ވައިރަސް ފެތުރި ޢާންމު ޞިއްޙަތަށްހުރި ބޮޑު ނުރައްކަލަކަށްވެ، އެކަން ދިގުލައިގެން ގޮސްފައިވާނަމަ ދުނިޔޭގެ އިޤްތިޞާދީ އުފެއްދުންތެރިކަން 1.3 އިންސައްތަ ދަށަށްދާނެއެވެ. އެމިންވަރަކީ ގާތްގަނޑަކަށް 1.1 ޓްރިލިއަން އެމެރިކާ ޑޮލަރެވެ.
ވައިރަސްގެ ނުރައްކާތެރިކަން ބޮޑުވަމުންދާ މިންވަރަކަށް އިންވެސްޓްމަންޓުތައް ދަށަށް ދިއުމުގެ އިތުރުން އިޤްތިޞާދީ މަސައްކަތް ކުރާ ކާރުޚާނާތައް ހުއްޓާލަން މަޖުބޫރުވާނެއެވެ. އެހެންކަމުން، އެތަންތަނުގެ މުވައްޒަފުންގެ ވަޒީފާތައް ގެއްލޭނެއެވެ. މިހާރުވެސް ގިނަ ވިޔަފާރިތަކެއްވަނީ ވަގުތީގޮތުން ބަންދުކުރަމުންނެވެ.