ޚަބަރު

ތައިލެންޑުގެ ސުޕްރީމު ކޯޓުން އެޤައުމުގެ އިދިކޮޅު ޕާޓީއެއް އުވާލައިފި


ތައިލެންޑުގެ އިދިކޮޅު ސިޔާސީ ޕާޓީއެއް އުވާލުމަށް އެޤައުމުގެ ސުޕްރީމު ކޯޓުން ޙުކުމްކޮށްފިއެވެ.

ބިލިއަނަރެއްކަމަށްވާ ތަނަތޯން ޖުއަންގްރޫންގުރުއަންގްކިޓުގެ މުއައްސިސްކަމުގައި އުފައްދާފައިވާ ކުޑަ ޕާޓީއެއްކަމަށްވާ ފިއުޗާ ފޯވަޑް ޕާޓީ އުވާލީ އޭނާ އަތުން ޣައިރު ޤާނޫނީ ލޯނެއް ހޯދުމުގައި އެޕާޓީ ކުށްވެރިވާކަމަށް ބުނެއެވެ.

މިދިޔަ އަހަރު ތައިލެންޑުގައި ބޭއްވި އާންމު އިންތިޚާބުގައި ޤާނޫނުހަދާ މަޖިލީހުގެ ފައްސަތޭކަ ގޮނޑީގެ ތެރެއިން އެޕާޓީންވަނީ އައްޑިހަ އެއްގޮނޑި ހޯދައިފައެވެ. ތައިލެންޑުގެ އަސްކަރީ ވެރިކަމަށް ފާޑުކިޔާ ފިއުޗާ ފޯވަޑް ޕާޓީއަށް ޒުވާނުންގެ ތާޢީދު ބޮޑުވަމުންދިޔަނަމަވެސް ކޯޓުގެ ޙުކުމާ ގުޅިގެން އެޕާޓީގެ ސިޔާސީ ޙަރަކާތްތަކަށް ހުރަސްއެޅިގެންދާނެއެވެ.

ޣައިރު ގާނޫނީ ލޯނުގެ މައްސަލާގައި ކޯޓުންކުރި ޙުކުމުގައި ފިއުޗާ ފޯވަޑް ޕާޓީގެ މުއައްސިސްގެ އިތުރުން އެޕާޓީގެ ތަންފީޒީ މަސްއޫލުވެރިންގެ ތެރޭގައި ހިމެނޭ ފަނަރަ ބޭފުޅަކު ދިހަ އަހަރުގެ މުއްދަތަށް ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުންވަނީ މަނާކޮށްފައެވެ. ފިއުޗާ ފޯވަޑް ޕާޓީންވަނީ ޤާނޫނާ ޚިލާފު އެއްވެސް އަމަލެއް ނުހިންގާކަމަށް ބުނެފައެވެ.